17 Jan 2015, 14:01
މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އައިވަރީ ކޯސްޓުގެ މިޑްފީލްޑަރު ޔާޔާ ޓޫރޭއާ ނުލާވެސް ސިޓީއަށް ކުރިއަށް ދެވިދާނެ ކަމަށް އެ ޓީމްގެ ކޯޗް މެނުއަލް ޕެލެގްރިނީ ބުނެފިއެވެ.
ޕެލެގްރިނީ ބުނީ ޓޫރޭއަކީ ސިޓީއަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އޭނާ ނެތުމުން ޓީމުގެ ކުޅުމަށް އަސަރު ކުރާނެ ކަމަށެވެ. ނަމަވެސް އޭނާއާ ނުލާވެސް މެޗުތަކެއް ކުޅެން ޖެހޭ ކަމަށާއި، ޓޫރޭއާ ނުލާ އެ މެޗުތައް ކާމިޔާބު ކުރެވިދާނެ ކަމަށް ޕެލެގްރިނީ ބުންޏެވެ.
"ޓޫރޭ އަކީ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް. ސާޖިއޯ އަގުއޭރޯ އާއި ޑޭވިޑް ސިލްވާ ފަދަ ކުޅުންތެރިންނަށް މި ޓީމް ބޭނުންވާ ފަދައިން އެނާގެ ހުނަރަށްވެސް މި ޓީމް ބޭނުންވޭ. ނަމަވެސް އޭނާއާ ނުލާވެސް މެޗުތަކެއް ކުޅެން އެބަ ޖެހޭ. އަދި އޭނާ ނެތަސް އެ މެޗުތައް ކާމިޔާބު ކުރެވިދާނެ،" ޕެލެގްރިނީ ބުންޏެވެ.
ޕެލެގްރިނީ ބުނީ ޓޫރޭ ޓީމްގައި ނެތަސް ޓީމުގެ ސްކޮޑަކީ ރަނގަޅު ސްކޮޑެއް ކަމަށާއި، ޓޫރޭގެ ރޯލު ދަނޑުމަތީގައި އަދާކުރެވޭނެ ފެންވަރުގެ ކުޅުންތެރިން އެ ކްލަބުގައި އެބަތިބި ކަމަށެވެ. އަދި ޓޫރޭއާ ނުލައި ކުރިއަށް ދެ މެޗު ކުޅެން އޮތްއިރު، ލީގު ކާމިޔާބު ކުރަން އެ ޓީމް ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ވެސް ޕެލެގްރިނީ ބުންޏެވެ.
"ސިޓީއަކީ އެންމެ ކުޅުންތެރިއެއްގެ މައްޗަށް ބިނާވެފައިވާ ޓީމެއް ނޫން. އަހަރުމެންގެ އޮތީ ރަނގަޅު ފެންވަރެއްގެ ސްކޮޑެއް. އަދި ދަނޑުމަތީ ޓޫރޭގެ ރޯލު އަދާކުރެވިދާނެ ފެންވަރުގެ ކުޅުންތެރިން މި ސްކޮޑުގައި އެބަތިބި. ޓޫރޭއާ ނުލައި އަދި ދެ މެޗު ކުރިއަށް ކުޅެން އެބޮތް. އެހެންކަމުން އޭނާއާ ނުލާވެސް ލީގު ޓައިޓްލް ހޯދުމަށް އަހަރުމެން ކުރާ މަސައްކަތަކަށް ހުއްޓުމެއް ނާންނާނެ،" ޕެލެގްރިނީ ބުންޏެވެ.
ވޭތުވެދިޔަ ހަތަރު އަހަރު ސިޓީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ޓޫރޭގެ ގައުމީ ޓީމް، އައިވަރީ ކޯސްޓް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާއިރު، އެ ޓީމްގައި ކުޅުމަށް އޭނާ ގައުމަށް ދާން ޖެހުމުގެ ސަބަބުން ކުރިއަށް އޮތް ހަތަރު ހަފްތާވެސް ސިޓީ ކުޅެން ޖެހޭނީ އޭނާއާ ނުލާއެވެ. ސިޓީގެ މެޗުތަކުގައި އޭނާ މިހާތަނަށް މުހިންމު ރޯލެއް އަދާކޮށްފައި ވާއިރު، މިދިޔަ އޭޕްރިލް މަހުން ފެށިގެން ޓޫރޭއާ ނުލައި ކުޅުނު އެއްވެސް މެޗަކުން އެ ޓީމް މޮޅުވެފައެއް ނުވެއެވެ.
މީގެ ކުރިން ބާސެލޯނާ އަށްވެސް ކުޅެފައިވާ ޓޫރޭ މި ސީޒަންގެ ކުރީކޮޅު އެހާ ފޯމް ރަނގަޅު ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް، ސިޓީ އެންމެ ފަހުން ކުޅުނު މެޗުތަކުގައި އޭނާ ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. 2004 ވަނަ އަހަރުން ފެށިގެން އޭނާގެ ގައުމީ ޓީމް، އައިވަރީ ކޯސްޓަށް ކުޅެމުން އަންނަ ޓޫރޭ ވަނީ ކޮންމެ އަހަރަކުވެސް ހޮވާ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމްވެސް ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް މި އަހަރު ހޯދާފައެވެ.