17 Jan 2015, 13:46
ސްރީލަންކާގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނެރުމުގެ ތިން ދުވަސް ކުރިން 2000 ސިފައިން ކަލަމްބޯ އަށް ޖަމާ ކުރި ކަމަށާއި އަދި ކުރީގެ ރައީސް މަހިންދާ ރަޖަޕަކްސާ އެކަން ކުރެއްވީ ބަޣާވާތެއް ގެނައުމަށް ކަމަށް ލަންކާގެ ކުރީގެ އާމީ ޗީފް ޖެނެރަލް ސަރަތު ފޮންސޭކާ ވިދާޅުވެއްޖެ އެވެ.
އެންޑީޓީވީ އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފޮންސޭކާ ވިދާޅުވީ ރާޖަޕަކްސާ އެކަން ކުރެއްވީ ބަޣާވާތެއް ގެނައުމުގެ ބޭނުމުގައި ކަމަށާއި ލަންކާގެ އުތުރުގައި ތިބި ސިފައިން ގެނެސް، ދެ ސާކަލަކަށް ކޮލަމްބޯގެ ތެރޭގައި އެތުރުވި ކަމަށެވެ. އެއް ތަނަކަށް ސިފައިން ޖަމާކުރީ ރިޔާސީ ގަނޑުވަރު "ޓެމްޕަލް ޓްރީސް" ސަރަހައްދަށް ކަމަށާއި އަނެއްބައި ސިފައިން ޑިޕޮލައި ކުރީ އިލެކްޝަންސް ކޮމިޝަން ކައިރި އަށް ކަމަށެވެ.
ރާޖަޕްކްސާ އެކަން ދޮގު ކުރައްވަ އެވެ.

ސިފައިންނަށް އަންގާފައި އޮތީ އިލެކްޝަަންސް ކޮމިޝަނުން ސިކިއުރިޓީ ބޭނުންވެއްޖެ ނަމަ އަންގާނެ ކަމަށެވެ. ނަމަވެސް އެކަން އެެ ގޮތަށް ނުހިނގާ ކަމަށް ފޮންސޭކާ ވިދާޅުވި އެވެ.
ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގައި 2010 ވަނަ އަހަރު ރާޖަޕަކްސާގެ ސަރުކާރުން ޖަލަށްލި ފޮންސޭކާ ވިދާޅުވީ ސިފައިން ތިބީ ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމުގެ ފުރިހަމަ ހެކި އާ ސަރުކާރަށް އޮތް ކަމަށެވެ.
ފޮރިން މިނިސްޓަރު އަދި އާ ރައީސްއާ ވަރަށް ގާތް ބޭފުޅެއް ކަމަށްވާ، މަންގަލަ ސަމަރަވީރާ އެންޑީޓީވީ އަށް ވިދާޅުވީ މި މަހު 9 ވަނަ ދުވަހުގެ ރޭ ލަަސް ގަނޑިއެއްގައި އަދި ވޯޓު ގުނަމުން ދަނިކޮށް، ރާޖަޕަކްސާ ޓެމްޕަލް ޓްރީސްގައި ހާއްސަ ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންގެ ތެރޭގައި ރާޖަޕަކްސާގެ ކޮއްކޮ، ޑިފެންސް މިނިސްޓަރު ގޮތަބަހަޔާ އާއި ފޮރިން މިނިސްޓަރާއި ޗީފް ޖަސްޓިސް ހިމެނުނު ކަމަށެވެ.
ސަމަރަވީރާ ވިދާޅުވީ ފަތިހު 4 ޖެހި އިރު، އެޓާނީ ޖެނެރަލް، އާމީ ޗީފާއި އިނިސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސް ހާޒިރު ކުރުވި ކަމަށެވެ. ނަމަވެސް ރައްޔިތުންގެ ނިންމުމަށް ފުރަގަސްދީ ބާރުގެ ބޭނުން ކުރުމަށް އިއުތިރާޒު ކުރީ އެޓާނީ ޖެނެރަލް ކަމަށާއި އާމީ ޗީފް ވެސް އެކަމަށް އެއްބާރުލުން ނުދިން ކަމަށެވެ.