ސްރީލަންކާގެ ކުރީގެ ސަރުކާރުން ޗައިނާގެ ކުންފުންޏެއްކަމަށްވާ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޯ ލިމިޓެޑާ ހަވާލުކޮށްފައިވާ ބިލިޔަން ޑޮލަރުގެ އަގުހުރި މަޝްރޫއަކާ މެދު އަލުން ވިސްނާނެ ކަމަށް ލަންކާގެ އާ ސަރުކާރުން ބުނެފިއެވެ.

އެމަޝްރޫއު މުރާޖައާ ކުރަނީ ސަލާމަތީ ގޮތުން މުހިއްމު ސަރަހައްދަކުން ޗައިނާގެ ކުންފުންޏަށް ހިލޭ ބިން ލިބޭ ފަދަ ގޮތަކަށް އެ މަޝްރޫއުގައި އެއްބަސްވެފައިވާތީ ކަމަށް ލަންކާގެ އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.

"... ސަލާމަތީ ކަންތައްތައް މަތީ ދަރަޖައަކަށް ބަލަހައްޓަން ޖެހޭ ސަރަހައްދަކުން އެހެން ގައުކަމަކަށް ހިލޭ ބިމެއް ދީފައެއް ނުބޭއްވޭނެ. މުޅި މަޝްރޫއަށް އަލުން ބަލަން އެބަޖެހޭ،" ސްރީލަންކާގެ އާ ސަރުކާރުގެ އިންވެސްޓްމެންޓް ޕްރޮމޯޝަން މިނިސްޓަރް ކަބީރު ހާޝިމް ވިދާޅުވި ކަމަށް ކޮލަމްބޯ ގެޒެޓް ނޫހުން ބުންޏެވެ.


ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަންކޯއާ ހަވާލުކޮށްފައިވާ މަޝްރޫއާ މެދު އަވަށްޓެރި އިންޑިއާއިން ވެސް ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވި ދުވަސްވަރު އެގައުމުގެ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެފައި ވަނީ އޭނާގެ ޕާޓީ ވެރިކަމަށް އައިސްފި ނަމަ އެ މަޝްރޫއުގެ އެއްބަސްވުން އުވާލާނެ ކަމަށެވެ.

ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަންކޯ އާއި އެކު ކުރީގެ ސަރުކާރުން ވެފައިވާ 1.5 ބިލިޔަން ޑޮލަރުގެ އެއްބަސްވުމުގެ ދަށުން، އިންވެސްޓްމެންޓްގެ އަގު ހޯދުމަށް 20 ހެކްޓަރުގެ ބިން ހިލޭ އަދި އަނެއްބައި 99 އަހަރަށް ކުއްޔަށް ދޭން ވަނީ ނިންމާފައެވެ.