ޒުވާނުންގެ ސިޓީގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް ނިންމާފައިވާއިރު އެތަނުގައި ޑްރަގު ރިހެބިލިޓޭޝަން ސެންޓަރެއް އެޅުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ނައިބު ރައީސް ޖަމީލް ރޭ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަކީ ރައީސް ޔާމީން އެކަމަކަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެއް ކަމަށެވެ.

"މަސްތުވާތަކެއްޗާ ދެކޮޅަށް ރައީސް ޔާމީން ދެއްވާ އިސްކަމުގެ ތެރެއިން ހުޅުމާލެ ޔޫތު ސިޓީގައި ޑްރަގް ރިހެބެއް އެޅުމަށް ވަނީ ނިންމާފައި، "ނައިބު ރައީސް ޖަމީލް ވިދާޅުވި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތް ހަލުވިކޮށް ފުޅާ ކުރުމުގެ ގޮތުން ވަނީ ކުއްތާ ސްކޮޑެއް އެކުލަވާލާފައި އެވެ. އެގޮތުން މިހާރު ވަނީ ޑޯގް ސްކޮޑު އެކުލަވާލުމަށް ކުއްތާތައް ގަނެ އެ ކުއްތާތައް ބޮޑު ކުރުމުގެ މަސައްކަތް ފަށައިފައި ކަމަށް ހޯމް މިނިސްޓްރީ އިން ވަނީ ބުނެފައި އެވެ.

އަދި ހަމައެއާއެކު ޑޯގް ސްކޮޑު އަންނަ ފެބްރުއަރީ ނުވަތަ މާޗު މަހުގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީ އިން ބުންޏެވެ.