17 Jan 2015, 10:58
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށާއި މުސްލިމުންނަށް ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ ފަރަންސޭސި ހަފުތާ ނޫސް ޝާލީ އެބްޑޫއާ ދެކޮޅަށް ނައިޖަރުގައި ކުރި މުޒާހަރާއެއް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަމުގެ ތެރޭގައި ހަތަރުމީހުން މަރުވެއްޖެ އެވެ.
ނައިޖަރުގެ އިންޓީރިއާ މިނިސްޓަރު ހަސޯމީ މަސައޫދޫއާ ހަވާލާދީ ސްކައި ނިއުސް އިން އިއްޔެ ބުނީ އެގައުމުގެ ޒިންޑަރު ނަމަކަށް ކިޔާ ރަށުގައި ކުރި މުޒާހަރާގައި ބައިވެރި ތިން މީހަކާއި ސަލާމަތީ ބާރުގެ އޮފިސަރަކު މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށެވެ. އަދި ބުނީ އެ ރަށުގައި ހުރި ފަރަންސޭސި ކަލްޗަރަލް ސެންޓަރާއި ތިން ޗާޗެއްގައި މުޒާހަރާކުރި މީހުން ހުޅުޖަހާފައިވާ ކަމަށެވެ.
މުސްލިމުންގެ ބޮޑު އާބާދީއެއް އޮންނަ ނައިޖަރުގައި ޝާލީ އެބްޑޫ ނޫސް ވިއްކުން އެގައުމުގެ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަކޮށް ޝާލީ އެބްޑޫ ނޫހުން އެންމެ ފަހުން ކާޓޫނެއް ކުރެހި ކުރެހުމާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކެއްގައި އެކަމާ ދެކޮޅަށް މުޒާހަރާތައް ކުރިއެވެ. އެގޮތުން ޕާކިސްތާނުގެ ޕެޝާވަރާއި ކާރާޗީއާއި ވެރިރަށް އިސްލާމް އާބާދުގައި ވެސް އެކަމާ ދެކޮޅަށް މުޒާހަރާކުރި އެވެ. އަދި ގަތަރާއި ބަހުރައިންއާއި އަލްޖީރިއާގައި ވެސް އެފަދަ މުޒާހަރާތައް ވަނީ ކޮށްފަ އެވެ.