07 Feb 2011, 14:16
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އިންތިހާބުކުރާ، ދެ ސިޓީގެ ކޮންޓްރޯލް އެމްޑީޕީ އަށް ލިބިފައިވާ އިރު 19 އަތޮޅު ކައުންސިލްގެ ތެރެއިން 11 އަތޮޅެއްގެ ކައުންސިލްގެ އަގުލަބިއްޔަތު މައި އިދިކޮޅު ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީ )ޑީއާރްޕީ( އިން ހޯދައިފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުގައި 12 އަތޮޅު ކައުންސިލެއް ޑީއާރްޕީން ކޮންޓްރޯލްކުރި އިރު، ވެރިކަންކުރާ އެމްޑީޕީއަށް ލިބުނީ ދެ އަތޮޅެއްގެ ކައުންސިލްގެ އަގުލަބިއްޔަތެވެ. އެއީ 10 ގޮނޑީގެ ހދ. އަތޮޅާއި ހަ ގޮނޑީގެ އއ. އަތޮޅެވެ.
ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ކ. އަތޮޅާއި ވ. އަތޮޅާއި މ. އަތޮޅާއި ތ. އަތޮޅާއި ލ. އަތޮޅާއި ށ. އަތޮޅާއި ގއ. އަތޮޅުގެ އިތުރުން ޏ. އަތޮޅު އަދި ގދ. އަތޮޅުގެ މެޖޯރިޓީ ސީޓު ހޯދައިފައި ވަނީ އިދިކޮޅު ޑީއާރްޕީންނެވެ.
އޭގެ ތެރެއިން ރ. އަތޮޅު ކައުންސިލަކީ 10 ގޮނޑީގެ ކައުންސިލެކެވެ. އަދި ޑީއާރްޕީން ކުރި ހޯދި ލ. އަތޮޅާއި ގދ. އަދި ށ. އަތޮޅުގައި އަށް ގޮނޑީގެ ކައުންސިލެއް އޮންނައިރު ބާކީ ހުރިހާ އަތޮޅަކީ ހަ ގޮނޑީގެ ކައުންސިލްތަކެވެ.
އެމްޑީޕީއަށް ވެސް އަދި ޑީއާރްޕީއަށް ވެސް އަޣުލަބިއްޔަތު ނުލިބޭ ފަސް އަތޮޅެއް ވެއެވެ. އެއީ ދ. އަތޮޅާއި ފ. އަތޮޅާއި އދ. އަތޮޅާއި ޅ. އަތޮޅު އަދި ހއ. އަތޮޅެވެ.
އޭގެ ތެރޭގައި ހިމެނޭ ހަ ގޮނޑީގެ ދ. އަތޮޅު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ގެންދިޔައީ އަމިއްލަ ކެންޑިޑޭޓުންނެވެ. އަދި ދިހަ ކައުންސިލަރުންގެ މައްޗަށް އެކުލެވިގެންވާ ހއ. އަތޮޅު ކައުންސިލުން އެމްޑީޕީއާ ޑީއާރްޕީ ތެރެއިން ކޮންމެ ޕާޓީއަކަށް ވެސް ކާމިޔާބުކުރެވުނީ ފަސް ގޮނޑި އެވެ. އެހެންކަމުން އެ އަތޮޅު ކައުންސިލަކީ ވާދަވެރި ދެޕާޓީގެ މެދުގައި އެއްވަރަކަށް ބެހިގެން ދިޔަ ހަމައެކަނި ކައުންސިލެވެ.
އދ. އާއި ޅ. އަދި ފ. އަތޮޅުގެ ކައުންސިލްތަކުގެ ގޮނޑިތައް ވަނީ ބޮޑު ދެޕާޓީއާއި އަމިއްލަ ކެންޑިޑޭޓުންނާއި އަދި ކުދި ޕާޓީތަކުގެ ކެންޑިޑޭޓުންގެ މެދުގައި ބެހިފަ އެވެ.
އޭގެ ތެރެއިން ހަ ގޮނޑީގެ އދ. ކައުންސިލްގެ ތިން ގޮނޑި ޖުމްހޫރީ ޕާޓީން ގެންދިޔައިރު، އަނެއް ތިން ގޮނޑި ގެންގޮސްފައިވަނީ ގައުމީ ޕާޓީގެ ކެންޑިޑޭޓަކާއި އަމިއްލަ ކެންޑިޑޭއްގެ އިތުރުން ޑީއާރްޕީގެ ކެންޑިޑޭޓެކެވެ. އެ ކައުންސިލުން އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ.
އދ. އަތޮޅުގެ އިތުރުން ދ. އަތޮޅާއި ވ.އަތޮޅާއި އަދި މ. އަތޮޅުން ވެސް އެމްޑީޕީއަށް އެއްވެސް ގޮނޑިއެއް ނުލިބެ އެވެ. ޑީއާރްޕީއަށް އެއްވެސް ގޮނޑިއެއް ނުލިބެނީ ދ. އަތޮޅާއި އައްޑޫ ސިޓީ ކައުންސިލުންނެވެ.
ހަ ގޮނޑީގެ ޅ. އަތޮޅު ކައުންސިލްގެ ތިން ގޮނޑި އެމްޑީޕީއަށް ލިބުނު ނަމަވެސް، އަނެއް ދެ ގޮނޑި ވަނީ ޑީއާރްޕީގެ ކޮންޓްރޯލްގަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް އެއް ގޮނޑި ގެންގޮސްފައިވެ އެވެ.
ފ. އަތޮޅު ކައުންސިލްގެ ވެސް ތިން ގޮނޑި އެމްޑީޕީން ގެންދިޔައިރު، ދެން ހުރި ގޮނޑިތައް ދެ އަމިއްލަ ކެންޑިޑޭޓަކާއި ޑީއާރްޕީ ކެންޑިޑޭޓަކު ވަނީ ކޮންޓްރޯލްކޮށްފަ އެވެ.
އަތޮޅު ކައުންސިލްތަކުގައި ހިމެނެނީ ޖުމްލަ 132 ގޮނޑި އެވެ. އޭގެ ތެރެއިން ޑީއާރްޕީ ވަނީ 74 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއީ އަތޮޅު ކައުންސިލްތަކުގެ 56 ޕަސަންޓެވެ. އެމްޑީޕީއަށް 40 ގޮނޑި ލިބުނުއިރު، އެއީ ޖުމްލަ ގޮނޑީގެ 30 ޕަސަންޓެވެ.
ދެން އެންމެ ބޮޑު ކާމިޔާބީއެއް ހޯދީ 11 ގޮނޑިއާ އެކު އަމިއްލަ ކެންޑިޑޭޓުންނެވެ. އަދި ޖުމްހޫރީ ޕާޓީއަށް 5 ގޮނޑި ލިބުނުއިރު ޕީޕަލްސް އެލައަންސާއި ގައުމީ ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއަކުން އެއް ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ.
ސިޓީ ކައުންސިލްގެ ނަތީޖާތަކަށް ބަލާއިރު، ރާއްޖޭގައި އުފައްވާ ދެ ސިޓީ ކައުންސިލް ކަމުގައިވާ އައްޑޫ ސިޓީ ކައުންސިލާއި މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ވެސް ހޯދީ އެމްޑީޕީންނެވެ. އެގާރަ ގޮނޑީގެ މާލެ ސިޓީ ކައުންސިލްގެ ދެ ގޮނޑި ޑީއާރްޕީއަށް ލިބުނުއިރު، އެހެން ހުރިހާ ގޮނޑިތަކެއް ލިބުނީ އެމްޑީޕީއަށެވެ.
ހަ ގޮނޑީގެ އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިތަކެއް ކާމިޔާބުކޮށް، އެމްޑީޕީ ވަނީ އެކައުންސިލްގެ ފުރިހަމަ ބާރު ހޯދައިފަ އެވެ.
ސިޓީ ކައުންސިލްތަކުގައި ޖުމްލަ 17 މެމްބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 15 ގޮނޑިއާއެކު އެމްޑީޕީ ވަނީ ކުރި ހޯދައިފަ އެވެ. ޑީއާރްޕީ އޮތީ ދެ ގޮނޑިއާއެކު ފަހަތުގަ އެވެ.
އެހެންކަމުން ރާއްޖޭގައި އުފައްދާ ސިޓީ ކައުންސިލްގެ އަދަދާއި އަދި އެ ކައުންސިލްގައި ހިމެނޭ ގޮނޑީގެ ނިސްބަތަށް ބަލައި، ސިޓީ ކައުންސިލްގެ އިންތިހާބު ކާމިޔާބުކުރީ އެމްޑީޕީ އެވެ. ނަމަވެސް، އެ މިންގަނޑުން ބަލާއިރު އަތޮޅު ކައުންސިލްގެ އިންތިހާބު ކާމިޔާބުކުރީ އިދިކޮޅު ޑީއާރްޕީ އެވެ.
* އަތޮޅު ކައުންސިލްތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވާ ގޮތުގެ ތަފްސީލު:
1. ހއ. އަތޮޅު ކައުންސިލް )10 ގޮނޑި(
އެމްޑީޕީ: 5
ޑީއާރްޕީ: 5
2. ހދ. އަތޮޅު ކައުންސިލް )10 ގޮނޑި(
އެމްޑީޕީ: 6
ޑީއާރްޕީ: 3
އަމިއްލަ: 1
3. ށ. އަތޮޅު ކައުންސިލް )8 ގޮނޑި(
އެމްޑީޕީ: 2
ޑީއާރްޕީ: 6
4. ނ. އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 2
ޑީއާރްޕީ: 4
5. ރ. އަތޮޅު ކައުންސިލް )10 ގޮނޑި(
އެމްޑީޕީ: 2
ޑީއާރްޕީ: 7
ޖުމްހޫރީ ޕާޓީ: 1
6. ބ. އަތޮޅު ކައުންސިލް ( 6 ގޮނޑ)
އެމްޑީޕީ: 2
ޑީއާރްޕީ: 4
7. ޅ. އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 3
ޑީއާރްޕީ: 2
ޖުމްހޫރީ ޕާޓީ: 1
8. ކ. އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 2
ޑީއާރްޕީ: 4
9.އއ. އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 5
ޑީއާރްޕީ: 1
10. އދ. އަތޮޅު ކައުންސިލް )6 ގޮނޑި(
ޖުމްހޫރީ ޕާޓީ: 3
ޑީއާރްޕީ: 2
ގައުމީ ޕާޓީ: 1
އަމިއްލަ ކެންޑިޑޭޓް: 1
11. ވ. އަތޮޅު ކައުންސިލް )6 ގޮނޑި(
ޑީއާރްޕީ: 6
12. މ. އަތޮޅު ކައުންސިލް ( 6 ގޮނޑި)
ޑީއާރްޕީ: 5
ޕީއޭ: 1
13. ފ. އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 3
ޑީއާރްޕީ: 1
އަމިއްލަ: 1
14. ދ. އަތޮޅު ކައުންސިލް )6 ގޮނޑި(
އަމިއްލަ ކެންޑިޑޭޓުން: 6
15. ތ. އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 1
ޑީއާރްޕީ: 4
އަމިއްލަ: 1
16. ލ. އަތޮޅު ކައުންސިލް )8 ގޮނޑި(
އެމްޑީޕީ: 1
ޑީއާރްޕީ: 7
17. ގއ. އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 2
ޑީއާރްޕީ: 4
18. ޏ . އަތޮޅު ކައުންސިލް )6 ގޮނޑި(
އެމްޑީޕީ: 2
ޑީއާރްޕީ: 4
19. ގދ . އަތޮޅު ކައުންސިލް )8 ގޮނޑި(
އެމްޑީޕީ: 2
ޑީއާރްޕީ: 6
* ސިޓީ ކައުންސިލްތަކުގެ ގޮނޑި ކާމިޔާބުކޮށްފައިވާ ގޮތުގެ ތަފްސީލު
1. މާލެ ސިޓީ )11 ގޮނޑި(
އެމްޑީޕީ: 9
ޑީއާރްޕީ: 2
2. އައްޑޫ ސިޓީ )6 ގޮނޑި(
އެމްޑީޕީ: 6