17 Jan 2015, 10:30
ވެރިކަމުގެ ބާރުތަކާއި އިންސާނުންގެ ފުރާނަ ވެސް ދެއްވަނީ މާތްﷲ ކަމަށާއި އަނބުރާ ގެންދަވާނީ ވެސް އެފަރާތުންކަން ހަނދާން ކުރަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ހުދުމުހުތާރު ސަރުކާރެއް ހިންގަން ޖާގަ ނުދޭނެ ކަމަށާއި ސަރުކާރުގެ ފަލީހަތްކޮށްލާނެ ކަމަށް ބުނެ، އެމްޑީޕީގެ އިސްވެރިން ރޭ ބެއްވި "ޑިމޮކްރެސީ އަށް އާ އުންމީދެއް" އެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކާފައި ވަނިކޮށް، އަދީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ރައީސް ކަމާއި ވެރިކަމާއި ބާރުވެރިކަން އަދި ފުރާނަ ވެސް ދެއްވާނީ މާތްﷲ ކަމަށާއި އިންސާނުން ނޫން ކަމަށެވެ.
We should remember "Raeeskan, Verikan, Baaru Verikan,Adhi Furaana Ves, Dhehvanee Allah Adhi Anburaa Gendhavaaneeves Allah" not us Humans.
— Ahmed Adeeb (@Ahmed_Adeeb)January 17, 2015
ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރައީސް ޔާމީން ދިވެހިރާއްޖެ އަލުން އަނބުރައި ހުދުމުހުތާރު ވެރިކަމުގެ ތެރެއަށް ގެންދެވުމަށް ކުރައްވާ މަސައްކަތް ފެއިލް ކޮށްލާނެ ކަމަށާއި ރައްޔިތުންނަށް ހެޔޮވެރިކަމެއް ހޯއްދަވައި ދެއްވާނެ ކަމަށެވެ.
"އަޅުގަނޑުމެން ނުކުންނާނަން، އަޅުގަނޑުމެން މި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް އިރާދަކުރެއްވިއްޔާ ހޯދައި ދޭނަން." ނަޝީދު ވިދާޅުވި އެވެ.