އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕްގައި އިއްޔެ ކުޅުނު މެޗުން ބަލިވުމުން، މުބާރާތުގެ ކުއާޓާ ފައިނަލްގެ ޖާގަ ފަލަސްތީނު ޓީމަށް ގެއްލިއްޖެއެވެ.

ފަލަސްތީނު ޓީމަށް މުބާރާތުގެ ކުއާޓާއިން ޖާގަ ގެއްލުނީ ގްރޫޕް ސްތޭޖުގައި މިހާތަނަށް އެ ޓީމް ކުޅުނު ދެ މެޗުންވެސް ބަލިވުމުންނެވެ. މުބާރާތުގެ ގްރޫޕް 'ޑީ' ގައި އަދި މިހާތަނަށް އެ ޓީމަށް ޕޮއިންޓެއް ލިބިފައި ނުވާއިރު، އެ ގްރޫޕްގެ އެއްވަނަ ޓީމެއްގެ ގޮތުގައި ހަ ޕޮއިންޓާއެކު އޮތީ އޭޝިއާ ސަރަހައްދުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމަށްވާ ޖަޕާނެވެ. އަދި އެ ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމް ކަމަށްވާ އުރުދުން އާއި އިރާގަށް މުބާރާތުގައި އަދި މިހާތަނަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

އެ މުބާރާތުގައި އިއްޔެ ފަލަސްތީނު ޓީމު ކުޅުނު މެޗުގައި އެ ޓީމާ ދެކޮޅަށް ވާދަކުރީ އުރުދުން އެވެ. އެ މެޗު އުރުދުން ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ވަގުތުކޮޅު ފަލަސްތީނުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އުރުދުންގެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތެއް ނުދީ ހިފައްޓާލާފައެވެ. މެޗުގެ ފުރަތަމަ ލަނޑު އުރުދުން ޓީމުން ކާމިޔާބު ކުރީ މެޗުގެ 32 ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެ ޓީމްގެ މިޑްފީލްޑަރު ޔޫސުފް އަހްމަދު މުހައްމަދު އެވެ.

އޭގެ ދެ މިނެޓު ފަހުން އުރުދުން ވަނީ އެ ޓީމްގެ ދެވަނަ ލަނޑުވެސް ކާމިޔާބުކޮށް، މެޗުގައި ލީޑު އިތުރަށް ފުޅާ ކޮށްލާފައެވެ. މެޗުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގައި އުރުދުންގެ ބާކީ ތިން ލަނޑުވެސް ކާމިޔާބު ކުރި އެ ޓީމްގެ ފޯވާޑް ހަމްޒާ އަލްދަރަދްރާ އެވެ. މެޗުގައި ފަލަސްތީނަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމްގެ ޖަކާ ހަބައިޝާ އެވެ.

އެ މުބާރާތުގައި އިއްޔެ ކުޅުނު ގްރޫޕް 'ޑީ'ގެ ދެވަނަ މެޗުގައި ބައްދަލުކުރީ އިރާގާއި ޖަޕާނެވެ. އެ މެޗު ޖަޕާނުން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެން ދިޔަ ހަމައެކަނި ލަނޑު ޖަޕާނަށް ކާމިޔާބު ކޮށްދިނީ މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުގެ ކެއިސުކޭ ހޮންޑާ އެވެ.

އޭއެފްސީ އޭޝިއަން ކަޕްގައި މިއަދު ކުޅެން ހަމަޖެހިފައި ވަނީ މުބާރާތުގެ ގްރޫޕް 'އޭ' ގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. އެގޮތުން މިއަދު ކުޅޭ ފުރަތަމަ މެޗުގައި އޮސްޓްރެލިއާ އާއި އުތުރު ކޮރެއާ ބައްދަލުކުރަން ހަމަޖެހިފައި ވާއިރު، ދެވަނަ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ އޯމާން އާއި ކުވެއިތު އެވެ.

މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުވެސް ކާމިޔާބުކޮށް، ގްރޫޕް 'އޭ' އިން އޮސްޓްރޭލިއާ އާއި އުތުރު ކޮރެއާ މިހާރު ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ކަށަވަރު ކޮށްފައެވެ.