ގާހިރާ (ޖަނަވަރީ17): މިސްރުން ހައްޔަރުކޮށްފައިވާ އަލްޖަޒީރާގެ ތިން ނޫސްވެރިންގެ ތެރޭގައި ހިމެނޭ ކެނެޑާގެ ރައްޔިތެއްކަމަށްވާ މުޙައްމަދު ފަހްމީ ކައިރި މުސްތަގްބަލެއްގައި މިނިވަން ކޮށްދޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށް ކެނެޑާގެ ޚާރިޖީ ވަޒީރު ޖޯން ބާޑް ވިދާޅުވެއްޖެ އެވެ.

މިސްރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އެގައުމުގެ ޚާރިޖީ ވަޒީރު ސާމީހް ޝުކުރީއާ ބައްދަލުކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ބާޑް ވިދާޅުވީ ފަހްމީ މިނިވަން ކޮށްދޭކަމުގެ ވަރަށް ބޮޑު އިޝާރާތްތަކެއް މިސްރުގެ ޚާރިޖީ ވަޒީރު ސާމިޙް ޝުކުރީގެ ފަރާތުން ލިބުނު ކަމުގަ އެވެ. ނަމަވެސް އެކަމުގައި ދަތިތަކެއް ހުރިކަން ވެސް އޭނާ ފާހަގަކުރެއްވި ކަމުގަ އެެވެ.

މީގެ ދެއަހަރެއްހާ ދުވަސް ކުރިން މިސްރުން ހައްޔަރުކުރި އަލްޖަޒީރާގެ ތިންރިޕޯޓަރުން ގެ މައްސަލާގައި ބައިނަލްއަގްވާމީ މުޖްތަމައުގެ ނުރުހުމާއި ފާޑުކިޔުންތައް މިސްރުގެ ސަރުކާރަށް ދަނީ ރައްދުވަމުންނެވެ. މިސްރުން މި ތިން ރިޕޯޓަރުން ހައްޔަރުކޮށްފައި ވަނީ އެގައުމުގެ ގައުމީ ސަލާމަތަށް ގެއްލުންވާ ގޮތަށް ޚަބަރުތައް ފަތުރަމުންދާކަމުގެ ތުހުމަތުގަ އެވެ. މިސްރުގެ ކޯޓަކުން ފަހުންވަނީ މި ތިން ނޫސްވެރިންގެ މައްޗަށް މިތުހުމަތުތައް ސާބިތުވާ ކަމަށް ބުނެ ހަތް އަހަރަށް ޖަލަށްލުމުގެ ޙުކުމެއް އެމީހުންގެ މައްޗަށްކޮށްފަ އެވެ. (އަލްޖަޒީރާ)