ނ. ވެލިދޫގައި ގޯތި ދޫކުރުމަށް އުފައްދާފައިވާ ކޮމިޓީގެ މަސައްކަތް އެ ރަށު ކޯޓުން ހުއްޓުވައިފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސާ އަސްމާ ހުސައިން މިއަދު ވިދާޅުވީ ގޯތި ދޫކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަ ކޮމިޓީގެ މަސައްކަތްތައް ހުއްޓިފައި ވަނީ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވާތީ ކަމަށެވެ.

"ކޯޓުން އަމުރު ނެރެފައި މިވަނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ބަލާ އެކަމަށް ގޮތެއް ކަނޑައެޅެންދެން ކޮމިޓީގެ އެއްވެސް މަސައްކަތެއް ނުކުރުމަށް. ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކީ ކޮމިޓީގެ މަސައްކަތް ދަނީ ސައްހަ ކޮށްތޯ ނުވަތަ ނޫންތޯ ބަލައިދިނުމަށް،" އަސްމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ވެލިދޫގައި ގޯތީގެ މައްސަލަ އެހާ ބޮޑުވެގެން ދިޔައީ އެދިފައި ތިބި އެންމެނަށް ގޯތި ލިބޭ ގޮތް ނުވާތީ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ކިހިނެއްތޯ އެދިފައިތިބި ހުރިހާ ބޭފުޅުންނަށް ގޯތި ދޭނީ. ދުއިސައްތަ ފަންސާސް މީހުން އެބަތިބި ގޯއްޗަށް އެދި ހުށަހަޅާފައި. އެހެންނަމަވެސް ހައުސިން މިނިސްޓްރީ އިން އަޅުގަނޑުމެންނަށް ދެއްވާފައިވާ ހުއްދަ އަކީ 100 ގޯތި ދޫކުރުމުގެ ހުއްދަ. އެ 100 ގޯތި ދޫކޮށްފައި ދެެއްތޯ އިތުރު ގޯތި ތަކަކަށް އަޅުގަނޑުމެންނަށް އެދެވޭނީ މިނިސްޓްރީގައި. މިއީ އަސްލު މި މައްސަލަ ޖެހުނު ސަބަބަކީ،" އަސްމާ ވިދާޅުވި އެވެ.

ނަން ނުޖެހުމަށް ޝަރުތުކޮށް "ސަން" އާ ވާހަކަ ދައްކަމުން ވެލިދޫ މީހަކު މިއަދު ބުނީ ގޯތި ދޫކުރުމަށް އުފައްދާފައިވާ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ވަރަކަށް ހިތްހަމައެއް ނުޖެހޭ ގޯތި ދޫކުރުމަށް އުފައްދާފައި އޮތް ކޮމިޓީއާ ދޭތެރޭ އެއް. އެއީ އެތާނގައި ވެސް އެބަތިބި ގޯއްޗަށް އެދި ފޯމު ހުށަހަޅާފައި ތިބި މީހުން. ދެން މިކަން ކިހިނެއްތޯ ސައްހަ ވާނީ." ވެލިދޫ އިން ވާހަކަ ދެއްކި މީހާ ބުންޏެވެ.