17 Jan 2015, 10:10
ރާއްޖޭގައި ހުންނަވާ ބަންގްލަދޭޝްގެ އާ ސަފީރަކަށް އެގައުމުގެ ކަނޑުގެ ސިފައިންގެ ކުރީގެ އެޑްމިރަލް އެއް ހަމަޖައްސައިފި އެވެ.
ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ޑާކާ ޓްރައިބިއުން ނޫހުން ބުނީ ރާއްޖެ އަށް ކަނޑައެޅި އާ ސަފީރަކީ ރިއާ އެޑްމިރަލް ކާޒީ ސަރްވާރް ހުސައިން ކަމަށެވެ.
ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަން ބަންގްލަދޭޝް ސަރުކާރުން ހުސައިންއަށް ދެއްވުމުގެ ކުރިން އޭނާ ހުންނެވީ އެގައުމުގެ ކޯސްޓްގާޑްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމުގަ އެވެ.
ހުސައިން ކަނޑުގެ ސިފައިންގެ ފައުޖާ ގުޅިވަޑައިގެންނެވީ 1980 ވަނަ އަހަރު އެވެ. އޭނާ ވަނީ އެދާއިރާއިން ބަންގްލަދޭޝްއާއި އެހެން ބައެއް ގައުމުތަކުން ގިނަ ތަމްރީނުތަކެއް ހޯއްދަވާފަ އެވެ. ބަންގްލަދޭޝްގެ ކަނޑުގެ ސިފައިންގެ މީހެއްގެ ހައިސިއްޔަތުން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ހުސައިން ވަނީ އައިވަރީ ކޯސްޓްގައި އޮތް ޔްނައިޓެޑް ނޭޝަންސް (ޔޫއެން)ގެ ސުލްހަ ބަލަހައްޓާ ލަޝްކަރުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.
ބަންގްލަދޭޝްގެ އެތައް ހާސް ރައްޔިތުންނެއް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ އިރު ރާއްޖޭގައި އެމީހުންނަށް ގިނަ ގުނަ މައްސަލަތައް ކުރިމަތިވެފައިވެ އެވެ. އެގޮތުން އިންސާނުންގެ ވަގު ވިޔަފާރި ކުރުންކަމުގައި ބެލެވޭ ފަދަ ގޮތަކަށް އެފަދަ ގިނަބަޔަކާ މެދު ރާއްޖޭގައި މުއާމަލާތްތައް ހިންގާފައިވެ އެވެ.