ހެނދުނު އޮފީހަށް ދިއުމަށް ވަރަށް ނަލަ ވެލައިގެން ގެއިން ނުކުތީމެވެ. ވަކި ހިސާބަކަށް ދެވުނު ތަނާ މަގުގެ ކަންމަތީގައި ހުރި ކުނި ކޮތަޅަކަށް ލޯ އަމާޒުވި އެވެ. ދުވާ ކުނި ވަހުން އެ ދިމާލުން ނޯއް ދަމާލަން ނުކެރެ އެވެ. މެހި ގިނަ ކަމުގެ ވާހަކަ ރަނގަޅު ވާނީ ނުދެއްކިއްޔާ އެވެ. ގަޑި އަށް ބަލާލާފައި އޮފީހުގެ ގަޑި ޖެހެން ކައިރިވާތީ މާ ބޮޑު ކަމަކަށް ނުހަދާ ހިނގައި ގަތީ މެވެ. ނަމަވެސް އޮފީހަށް ދެވޭ ގޮތެއް ނުވި އެވެ. އޮފީސް މަގާ އަރާ ހަމަވިތަނާއި އަނެއްކާ އެ އޮއް ދުވަން ފެށި ވަހެކެވެ. އެ ވަސް ދުވާ ވަރުން މަގުން ހިނގާފައިދާ މީހެއް ވިއްޔާ ދަނީ އަނގަ މަތީ އަތް އަޅައިގެންނެވެ. މިއީ މިއަދު މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.

ކުޑަ ބިމެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ ރަށަކީ މާލެ އެވެ. އެތައް ހާސް ބަޔަކު ހިނގާ ބިގާވެ އުޅޭ މި ރަށުގައި ބަލި ފެތުރޭލެއް ފަސޭހަ އެވެ. ކުދި ބޮޑު އެތައް ބަޔަކު ހިނގާބިނގާވެ އުޅޭ މަގުތަކުގެ ސާފުތާހިރު ކަމެއް ނެތުމެވެ. ކޮންމެ ރެއަކު މަގުތައް ސާފުކުރަން ބަޔަކު ނުކުތުމުން އެކަމުން މަގުތައް ބަލާލަން ރީތި ވެދާނެ އެވެ. ނަމަވެސް ދުވާ ވަހަށް ކުރާނީ ކީއްތޯ އެވެ. ހަމަގައިމު ވެސް އެ މަގުތަކުން ދުވާ ވަސް ފިލުވުމަށް މަގުތައް ސާފުކުރާ މީހުންނަށް ކުރެވޭނެ ކަމެއް ނެތެވެ.

"ދައްތަ މެން ކީއް ކުރާނީ. ހުދު ދައްތަމެން ވެސް މި އުޅެނީ މަގުތައް ސާފުކުރަން ނުކުމެ އުޅޭ އިރު ނޭފަތް ފޮރުވޭ ވަރުގެ ފޮތިގަނޑެއް އައްސައިގެން. ހާދަ ނުބައި ވަސް މާލޭގެ މަގުތަކުން ދުވައޭ ކޮއްކޯ. ކީއްކުރާނީ މިއީ ވެރިކަން ކުރާ ރަށް. ދެން ވިސްނާލާ ދައްތަމެން ރާއްޖެތެރޭ މީހުންގެ ރަށްރަށުގެ ހާލަތު. ދައްތަމެން ބަލަބަލާ ތިއްބަ ސައިކަލުތަކުގައި މީހުން އައިސް ކުނި ކޮތަޅު އެއްޗެހި އެބަ ބަހައްޓަނީ. އަޅެ އެ މީހުންނަކަށް ނޫންތަ ރީތި ވާނީ މަގުތައް ސާފުކޮށް އޮތީމަ ވެސް،" މާލޭގެ މަގުތައް ކުނިކަހަން އުޅޭ ނަސީމާ އަހުމަދު ބުންޏެވެ.

މާލޭގެ މަގުތަކުގެ ކަންކަން މައްޗަކީ ކުނި ކޮށީގެ ބައެއް ކަމަށް ދެކޭ މީހުން ވެސް މަދެއް ނޫނެވެ. ގޭގައި ހުންނަ ކުނި ކޮތަޅު މަގުގެ ދެ ފަރާތް ބަލާލުމަށް ފަހު ބަހައްޓާއިރު ތިމާގެ ފަރުދީ ޒިންމާއެއް އޮތްކަން ހަނދާން ނައްތާލަނީ ކީއްވެ ހެއްޔެވެ. ތިމާ ދިރިއުޅޭ ވެށި ތިމާ ސާފު ނުކޮށްފިއްޔާ ދެން އެތަން ސާފުކޮށް ބަލަހައްޓާނީ ކާކު ހެއްޔެވެ. މިފަދަ އަމަލުތައް ކުރުމުން ގައުމަށް ލިބޭނެ ހުތުރު ނަމަކާއި މެދެ ވިސްނާލަނީ ކޮން ބޭފުޅެއްތޯ އެވެ. ވެރިރަށް މާލެއަކީ އެތައް ހާސް ފަތުރުވެރިންނެއް ކޮންމެ ދުވަހަކު އަރާ ފައިބާ ރަށެކެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ މީހުން މާލޭގައި ވެސް ހަރަކާތްތެރިވެ އެވެ. މާލޭގެ އެކި ތަންތަނުގެ މައުލޫމާތު އެއްކުރުމަށް އެމީހުން މާލޭގެ އެކި ސަރަހައްދުތަކަށް ގޮސް އުޅެ އެވެ.

ޓުއާ ގައިޑް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ޝިޔާމު ވިދާޅުވި ގޮތުގައި މާލެ އަންނަ ފަތުރުވެރިން ގޮވައިގެން މާލޭގެ ސަރަހައްދުތަކަށް ދާން ލަދު ގަންނަ ފަހަރު ވެސް އާދެ އެވެ. މާލޭގެ މަގުތައް "ގޮނޑު" ވެފައިވާ ކަމުގެ ޝަކުވާ އެ މީހުން އިންތިހާ ދަރަޖައަކަށް ކުރާ ކަމަށް އޭނާ ބުންޏެވެ.

"ތިޔަ ވާހަކަ ނުދައްކާ. މާލޭގެ މަގުތައް ހަޑިކަމުންނާ އެ މަގުތަކުން ދުވާ ވަހުން ބައެއް ގެސްޓުން ގޮވައިގެން ބައެއް ހިސާބުތަކަށް ދާން އަހަރެމެން ލަދު ވެސް ގަނޭ. ހާދަ މުޑުދާރޭ މާލޭގެ މަގުތައް. އަނެއްކާ ފަތުރުވެރިން އެކަމުގެ ޝަކުވާ ހެސްކިއާފައި ކުރޭ،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ މާލޭގެ މަގުތަކުގެ މައްސަލައިގެ ޝަކުވާ ސިޓީ ކައުންސިލަށް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް އެކަމަށް އެދެވިގެންވާ ހައްލެއް ނާންނަ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާރުކޭޓު ސަރަހައްދާއި ނަސަންދުރާ ސަރަހައްދުގައި ކުނީގެ މައްސަލަ ވަރަށް ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ސާފުތާހިރުކަމާ މެދު ފަތުރުވެރިން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރި ކަމަށް ނޭދެވޭ އަސަރުތައް ކުރާނެ ކަމަށާއި މިހާރު ވެސް އެކަމުގެ އަސަރު ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ތިޔަ ބޭފުޅުން ބައްލަވާ އެ އޮއް މާރުކޭޓު ސަރަހައްދެއް ވެސް. ކުނިން ފުރިފައި. އެ ސަރަހައްދުތަކަކީ ފަތުރުވެރިން އެންމެ ގިނައިން އުޅޭ އެއް ސަރަހައްދު. ދެން އައިސް ނަސަންދުރާ ސަރަހައްދު. މުޅިި މޫދުގައި ވެސް ކުނި. އަނެއްކޮޅު ބައެއް ބޭފުޅުން މާލޭގެ ޕޭމަންޓްތަކުގައި ކަޑަ ޖަހައިގެން ކުނިވާ ޒާތުގެ އެއްޗެހި ވިއްކަމުން ދަނީ. ކިހާ ބޮޑު އުނދަގުލެއްތޯ އެއީ. އެއެއްޗެހި ކުނިވީމާ ވެސް މަގުމައްޗަށް އުކާލަނީ. މިއޮތް ސާފު މާލެ މުޅިން ހަރާބު ވެއްޖެ އިނގޭތޯ. ބައެއް ސަރަހައްދުތައް އެބަހުރި ކުނިވާ ޒާތުގެ އެއްޗެއް ފެންނަން ނެތަސް ހެސްކިއާފައި ކުނި ވަސް ދުވާ ސަރަހައްދު. އަނެއްކާ މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ވިޔާފަރިއަށް ވެސް އަސަރުކުރޭ،" ޝިޔާމް ވިދާޅުވި އެވެ.

މާލޭގެ މަގުތައް މިހާ ނުސާފުވުމުގެ ސަބަބަކީ ހަމަ އަޅުގަނޑުމެން ދިވެހިންނެވެ. އަޅުގަނޑުމެންގެ ކަންނެތް ކަމެވެ. ގޭގައި ހުންނަ ކުނި ކޮތަޅު އުކާލަން ކުނި ދޯންޏާ ހަމައަށް ދާން ވެސް ބުރައަކަށް ވަނީ އެވެ. މާލޭގެ މަގުތަކުގެ ނުތާހިރު ކަމާއި އެ މަގުތަކުން އެކި ޒާތުގެ ވަސް ދުވުމުގެ ޝަކުވާތައް ސިޓީ ކައުންސިލަށް އަންނަނީ ކޮންމެ ދުވަހަކު ވެސް ލިބެމުން ނެވެ. ސިޓީ ކައުންސިލްގެ މެމްބަރު ސަމާއު ޝަރީފް ވިދާޅުވީ މާލޭގެ މަގުތަކުގެ ޝަކުވާ އެ ކައުންސިލަށް ވަރަށް ގިނައިން އަންނަ ކަމަށެވެ. ނަމަވެސް އެ މަސައްކަތްތައް މިހާރު ކުރަނީ ސިޓީ ކައުންސިލުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަރަށް ހިތާމަ ހުރި ކަމެއް އިނގޭތޯ މިއީ. އިއްޔެ ވެސް އިނގޭތޯ އަޅުގަނޑުމެންނަށް ޝަކުވާއެއް އައި މާފަންނުގެ ހުރި ގެ އަކުން މަރުވެފައި އޮތް މީދާތަކެއް މަގެއް މަތީގައި އޮވެގެން. ނަމަވެސް އަޅުގަނޑުމެން މިހާރު މިހުރީ ހެލްޕް ލެސް ވެފައި. އަޅުގަނޑުމެން ކުރާ މަސައްކަތްތައް މިހާރު ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރުމުން މާ ބޮޑު މަސައްކަތެއް އަޅުގަނޑުމެންނަކަށް ނުކުރެވޭ،" ސަމާއު ވިދާޅުވި އެވެ.

ހައުސިން މިނިސްޓްރީ އިން މާލެ ސާފުކުރުމުގެ މަސައްކަތް ފެއްޓީ ދާދިފަހުންނެވެ. އޭގެ ކުރިން އެމަސައްކަތް ކުރީ ސިޓީ ކައުންސިލުންނެވެ. އަދި ވޭތުވެ ދިޔަ އެ ހުރިހާ ދުވަހަކު ވެސް މާލޭގެ ކުނީގެ މައްސަލަ އަށް ހައްލެއް ނުލިބެ އެވެ. ހައުސިންގް މިނިސްޓްރީގެ ދަށަށް މާލޭގެ ކުނީގެ މައްސަލަ ގެންދިޔައީ ވެސް ސިޓީ ކައުންސިލަށް އެ މައްސަލަ ހައްލު ނުކުރެވިގެންނެވެ. އަދި ހައުސިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކުނީގެ މައްސަލާގައި މިނިސްޓްރީ އިން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެކަމުން ދިމާވާ ދަތި އުނދަގޫތައް އިހުސާސް ކުރެވޭ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ މިނިސްޓްރީ އިން މި އަންނަނީ އެކަމަށް ހައްލެއް ފެނޭތޯ ބަލަމުން. ކުނީގެ މައްސަަލަ ހައްލުކުރުމަށް މިނިސްޓްރީ އިން މި އަންނަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުން. އަދި އަޅުގަނޑުމެން މި މަސައްކަތާ ހަވާލުވިތާ މާގިނަ ދުވަސްތަކެއް ވެސް ނުވޭ ދެއްތޯ." އޮފިޝަލް ވިދާޅުވި އެވެ.


މާލޭގެ މަގުތަކުން ދުވާ ތަފާތު ވަސްތަކާއި އެ މަގުތަކުގައި ކުނި ބުނި ހުންނަ މައްސަލަ ސިޔާސީ ކުރާކަށް އަޅުގަނޑު ނެތީމެވެ. މިއީ އެންމެންގެ ވެސް ޒިންމާ އެކެވެ. އެންމެ ތުއްތު ކުއްޖާއިން ފަށައިގެން އެންމެ ބޮޑު މީހާއާ ހަމަ އަށެވެ. އެންމެ އާދައިގެ މީހާއިން ފަށައިގެން އެންމެ މުއްސަނދި މަހުޖަނާއި ހަމައަށެވެ. މާލޭގެ މަގުތަކުން މިދުވާ "މުޑުދާރު" ވަސްތަކުން މިންޖުވުމަށް އެންމެންގެ ވެސް އެހީ ބޭނުންވެ އެވެ. ތިމާގެ ފަރުދީ ޒިންމާއެއް މިކަމުގައި އޮތްކަން ހަނދާ ކުރަންޖެހެ އެވެ. ހަމަގައިމު ވެސް މާލޭގެ މަލަމަތިން މާލެ ކިތަންމެހާ ވެސް ރީއްޗެވެ. ނަމަވެސް ރަށެއްގެ ހަގީގީ ރީތިކަމަށް ވާނީ މަލަމަތިން ފެންނަ ކުލަކުލައިގެ ޢިމާރާތެއް ނޫނެވެ. އެ ރަށެއްގެ ސާފުތާހިރު ކަމެވެ.