17 Jan 2015, 09:55
ވައިޓްހައުސް (ޖަނަވަރީ15): އިސްލާމް ދީނުގެ ނަމުގައި ކުރިޔަށް ނެރެގެންއުޅޭ ހައްދު ފަހަނަޅާފައިވާ ފިކުރުތަކާ ދެކޮޅަށް ގުޅިގެން މަސައްކަތް ކުރުމަށާއި އެކަމާ ބެހޭ ތަޖްރިބާތައް ބަދަލުކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާއާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެެމެރޮން އެއްބަސްވެ ވަޑައިގެންފި އެވެ.
އެމެރިކާ އަށް ކުރައްވާ ދަތުރުފުޅެއްގައި ވައިޓް ހައުސްގައި އޮބާމާއާ ބައްދަލުކުރެއްވައި ދެބޭފުޅުން އެއްބަސްވެ ވަޑައިގެންނެވީ އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން ކުރިޔަށް ނެރެގެންއުޅޭ ޖަމާއަތްތަކާ ކުރިމަތިލުމަށް ޓަކައި ދެގައުމުގެ ތަޖްރިބާކާރުންގެ ޓީމެއް އެކުލަވާލުމަށެވެ. އޮބާމާއާއި ކެމެރޮން މިކަމަށް އެއްބަސްވެ ވަޑައިގެންނެވީ ދީނުގެ ނަމުގައި ހައްދުފަހަނަޅާފައިވާ ފިކުރުތައް ގެންގުޅޭ ފަރާތްތަކުގެ ބިރު ޔޫރަޕަށް ބޮޑުވަމުންދާކަމަށް ޔޫރަޕްގެ ލީޑަރުން ވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގަ އެވެ. ދެބޭފުޅުންގެ މަޝްވަރާތަކަށް ފަހު ދެއްވި ބަޔާނެއްގައި ކެމެރޮން ވިދާޅުވީ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ބޭނުންވަނީ އިސްލާމް ދީނާ މެދު އެހެންދީންތަކުގެ މީހުންނަށް ނަފްރަތުކޮށް އެހެން ދީންތަކުގެ މީހުންނާދެކޮޅަށް ބިރުވެރިކަމާއި މަރާއަދި ފަނާކުރަނިވި ދުޝްމަންކަމެއް އުފެއްދުން ކަމުގަ އެވެ.
ޔޫރަޕްގެ ލީޑަރުން މިހެންވިދާޅުވަނީ ހަތިޔާރުއެޅި ބައެއްގެ ޙަމަލާތަކެއް ފަރަންސޭސިވިލާތަށް އަމާޒުވެ 17 މީހުން މަރުވުމާ ގުޅިގެންނެވެ. ނަމަވެސް ދީނުގެ ނަމުގައި ބަދަލުހިފުމާއި ޓެރަރިސްޓް ޙަމާލާތައްދޭ ހައްދުފަހަނަޅާފައިވާ މީހުން އުފެދުނީ ހުޅަނގުން އިސްލާމީ ގައުމުތަކާ ދެކޮޅަށް ހިންގާފައިވާ ހަރުކަށި އަދި އަނިޔާވެރި އަމަލުތަކެއްގެ ނަތީޖާއެއްގެ ގޮތުން ކަމަށާއި އިރާގާއި އަފްޣާނިސްތާނާއި ޕާކިސްތާނާއި ޔަމަނާއި ލީބިޔާއަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިންދިން ޙަމަލާތަކުގައި އެތައް ލައްކަ ބަޔަކު މަރުވެ އެގައުމުތައް ވަނީ ޓެރަރިޒަމްގެ ހާއްޔަކަށް ބަދަލުވެފަ އެވެ. އަދި ދީނުގެ ނަމުގައި ހައްދު ފަހަނަޅާފައިވާ މީހުން ހިންގާ ބޮންގޮއްވުމާއި ގަތްލުއާންމުތައް ފަދަ އަނިޔާވެރި ޖަރީމާތައް ޔޫރަޕަށްވުރެ ބޮޑަށް ތަހައްމަލް ކުރަމުން ގެންދަނީވެސް އިސްލާމީ ގައުމުތަކުގެ ރައްޔިތުންނެވެ. ނަމަވެސް އެންމެފަހުން ހުޅަނގުގެ އަނިޔާވެރި ކަމުން އުފަންވި ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުގެ ނުރައްކާ މިހާރުވަނީ އިސްލާމީ ގައުމުތަކުގެ އިތުރުން ޚުދު ހުޅަނގަށްވެސް ފޯރަން ފަށާފަ އެވެ. (އަލްޖަޒީރާ)