ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ ދެވަނަ ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގުގެ ޗެންޕިއަންކަން މޯލްޑިވްސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދައިފިއެވެ.

ލީގުގެ ޗެންޕިއަންކަން މޯލްޑިވްސް ސްޕޯޓްސް އެންޑް ރެކްރިއޭޝަން ހޯދީ ރޭ ކުޅުނު ލީގުގެ ފައިނަލް މެޗުގައި ކްލަބް ޕީކޭ އާ ބައްދަލުކޮށް، ސީދާ ތިން ސެޓުމް މެޗު ކާމިޔާބު ކޮށްގެނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ސެޓު އެމްއެސްސީއަށް ކާމިޔާބު ކުރެވުނީ 22-25 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ސެޓުގައި ކްލަބް ޕީކޭގެ ކުޅުން ރަނގަޅުވިނަމަވެސް، އެމްއެސްސީ ވަނީ މެޗުގައި ކުޅުން އިތުރަށް ރަނގަޅުކޮށް، މެޗުގެ ބާކީ ސެޓުތައް ފަސޭހަ ކަމާއެކު 19-25 އަދި 14-25 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ލީގުގައި އެމްއެސްސީގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ދީޕްތީ ރޮމޭޝް އެވެ.

އެމްއެސްސީ ލީގުގެ ޗެންޕިއަންކަން ހޯދާފައި ވަނީ މުބާރާތުގައި އެ ޓީމް ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެއެވެ. އަދި އެ މުބާރާތުގެ ދެވަނަ ޓީމަށް ހޮވުނު ކްލަބް ޕީކޭވެސް ވަނީ ލީގުގެ ގްރޫޕް ސްޓޭޖުގައި އެމްއެސްސީއާ ބައްދަލުކުރި މެޗު ފިޔަވައި، ލީގުގައި އެ ޓީމް ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކޮށްފައެވެ.

ލީގުގެ ފައިނަލް މެޗަށް ފަހު ޗެންޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލުކުރުމުގެ އިތުރުން، މުބާރާތުގައި މޮޅު ކުޅުމެއް ދެއްކި ފަރާތްތަކަށްވެސް ވަނީ އިނާމް ހަވާލު ކޮށްފައެވެ. އެގޮތުން ލީގުގެ އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ހޮވުނީ ކްލަބް ޕީކޭގެ ހަސަން އާމިރު އެވެ. އަދި ލީގުގެ އެންމެ މޮޅު ސެޓަރަކަށް ހޮވުނީ އެމްއެސްސީގެ ހުސައިން ވިޝާމް އެވެ.

ލީގުގެ އެންމެ މޮޅު ބްލޮކަރަކަށް ހޮވުނީ ކްލަބް ޕީކޭގެ ހަސަން އިބްރާހިމް އެވެ. އަދި ލީގުގެ އެންމެ މޮޅު އޮޕޮސިޓް ޕްލޭޔަރަކަށް އެމްއެސްސީގެ އަހްމަދު ފަޒީލް ހޮވުނު އިރު، ލީގުގެ އެންމެ މޮޅު ލިބެރޯއަކަށް ހޮވުނީ ކްލަބް ޕީކޭގެ އަހްމަދު ރިފާއު އެވެ.

މުޅި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއަކަށް ހޮވުނީ އެމްއެސްސީގެ ދީޕްތީ ރޮމޭޝް އެވެ. ލީގުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އެމްއެސްސީގެ އަހްމަދު ފަޒީލް ހޮވުނު އިރު، 21 އަހަރުން ދަށުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ ކޮމަންޑޫ ޔޫތު ޑިވަލޮޕްމަންޓުގެ ހަސަން ނިލާމް އެވެ. އަދި ލީގުގައި އެންމެ މޮޅު ކޯޗެއްގެ މަގާމް ހޯދީ އެމްއެސްސީއަށް ކޯޗުކަން ކޮށްދިން މުނާ މުނީރު އެވެ.

މުޅިއަކު އަށް ޓީމާއެކު މިމަހުގެ 10 ވަނަ ދުވަހު ފެށި ދެވަނަ ޑިވިޝަން ގައުމީ ވޮލީ ލީގުގެ ތިންވަނަ ހޮވާ މެޗުވެސް ވަނީ އިއްޔެ ހަވީރު ކުޅެފައެވެ. އެ މެޗުގައި ބައްދަލުކުރީ ކޮމަންޑޫ ޔޫތު ޑިވަލޮޕްމަންޓާއި ކްލަބް ވެލެންސިޔާ އެވެ. އެ މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ތިންވަނަ ހޯދީ ކޮމަންޑޫ ޔޫތު ޑިވަލޮޕްމަންޓް ޓީމެވެ. އަދި އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމްގެ ހަސަން ނިލާމް އެވެ.