ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އެމްޑީޕީ އަށް ފޯރިގަދަ ކެމްޕޭންތަކެއް ކޮށްދެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މިއަދުން ފެށިގެން ހަތަރު ދުވަހުގެ ޗުއްޓީއެއް ނަންގަވައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް އިންތިހާބުގެ ކެމްޕޭނަކަށް ފަހު ރައީސް ނަޝީދު މިއަދުން ފެށިގެން ހަތަރު ދުވަހުގެ ޗުއްޓީއެއް ނެންގެވި ނަމަވެސް ޗުއްޓީގައި ރައީސް އެއްވެސް ތަނަކަށް ވަޑައިނުގަންނަވާނެ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"އެއްވެސް ތާކަށް ވަޑައިގަންނަވާ ގޮތަށް އަދި ހަމަޖެހިފައެއް ނެތް. އެމަނިކުފާނު ޗުއްޓީ ހޭދަކުރައްވާނީ ހަމަ މުލީއާގޭގައި." އޮފިޝަލް ވިދާޅުވި އެވެ.

ވާދަވެރި އަދި ތާރީހީ ލޯކަލް އިންތިހާބަށް ފަހު އަރާމު ކޮށްލެއްވުމުގެ ޗުއްޓީއެއް ރައީސް ނަޝީދު ނެންގެވި އިރު އެ މަނިކުފާނު ފާހަގަކުރެވެނީ މި ފަހަރުގެ އިންތިހާބަށް އެންމެ ބުރަކޮށް ކެމްޕޭން ކުރެއްވި އެއްބޭފުޅާގެ ގޮތުގަ އެވެ.
ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ލޯކަލް ކައުންސިލުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީ އަށް ރައީސް ވަނީ އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހީމް ޙުސައިން ޒަކީ އަށާއި، އެ ޕާޓީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ އަށާއި ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު ރީކޯ މޫސާ މަނިކާއި ޕާލަމެންޓްރީ ގްރޫޕުގެ ހުރިހާ މެންބަރުންނަށާއި އެމްޑީޕީގެ ހުރިހާ މެންބަރުންގެ އިތުރުން ޕާޓީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެފަ އެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލުގެ ދެ ގޮނޑި ފިޔަވައި ހުރިހާ ގޮނޑިއެއް ގެންގޮސްފައި ވަނީ އެމްޑީޕީންނެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް ގެންގޮސްފައި ވަނީ އެމްޑީޕީން ނެވެ.

ނަމަވެސް އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްގެ ގިނަ ގޮނޑިތައް ކާމިޔާބުކޮށްފައި ވަނީ ޑީއާރުޕީ އާއި ސަރުކާރާ އިދިކޮޅު ފަރާތްތަކުން ކަމަށް، އިލެކްޝަންސްގެ ވަގުތީ ނަތީޖާ އިން ދައްކަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ އިދިކޮޅު ޑީއާރުޕީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއާ ވެސް ފޯނުން ގުޅުއްވާފައި އެވެ. އަދި ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީގެ ރީތި ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން މި އިންތިޚާބަށް ޑީއާރުޕީން ކުރި ކެމްޕޭން ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށާއި ޑިމޮކްރަސީގެ ރީތި އުސޫލުތަކާ އެއްގޮތަށް ކަންތައްތައް ގެންދެވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި ތަސްމީނުގެ ފުރިހަމަ އެއްބާރުލެއްވުން، ސަރުކާރަށް ލިބެމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.