މިސަރުކާރުން "ސިއްރުން" ކުރާ ކަންކަން އެނގިވަޑައިގަންނަވާ ކަމަށާއި ސަރުކާރު "ފަޟީހަތް" ކޮށްލައްވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޝާހިދު ވިދާޅުވީ ސަރުކާރުން ސިއްރުން ކުރާ ކަންކަން އެނގިވަޑައިގަންނަވާ ކަމަށާއި ސަރުކާރަށް ފާރަލާ މިންވަރު އެމްޑީޕީގެ މެމްބަރުންގެ ވާހަކަފުޅުތަކުން ސަރުކާރަށް އެނގޭނެ ކަމަށެވެ.

"ތިބޭފުޅުން ބޮޑުތަނުން ފަލީހަތްކޮށްލާނަން ތިޔަ ކުރައްވާ ހުރިހާ ވައްކަމެއް އަޅުގަނޑުމެންނަށް އެނގޭ،" އެމްޑީޕީގެ ބައިނަލްއަގުވާމީ ކަންތައްތަކާއި ބެހޭ ކޮމެޓީގެ މުގައްރަރު ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމުން ސަރުކާރުން ޖެހިލުންވާ ކަމަށާއި އެހެންވަނީ އެމްޑީޕީގެ މެމްބަރުންނަކީ ސަރުކާރުން ކުރާ "ވިޔާނުދާ" ވާހަކަތައް ބުނެލުމަށް ޖެހިލުންވާނެ ބަޔަކަށް ނުވުމުން ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

މިސަރުކާރުން ދަނީ ގާނޫނު އަސާސީއަށް އިހާނާތްތެރިކޮށް ކަންކަން ކުރަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ. ގާނޫނުގެ އެކިއެކި ބާބުތަތަކަށް ހުތުރުކޮށް އިހާނާތްތެރިކޮށް ހިތަމުންދާއިރު މިނިވަން މުއައްސަސާތަކުގެ ބާރުތައް ހަނިކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކިތަންމެ ބާރެއް އެއްކޮށްގެން ކިތަންމެ ފަނޑިޔާރުންނެއް ބަދަލުކޮށްގެން ކިތަންމެ ވަރަކަށް ރައްޔިތުން މަޖިލީހުގެ މެމްބަރުން ގަނެގެން އުޅުއްވިޔަސް ވެއްޓެންވީމާ ހަމަ ބައްލާފައި ވެއްޓޭ، މިއަށްވުރެ އިތުރަކަށް މި ވާހަކަ ދައްނަވާނެ ކަމެއް ނެތެއް ނޫންތޯ، މާ ކައިރިން އަޅުގަނޑުމެންނަށް ފެނުނީ،" ޝާހިދު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ ސަރުކާރުގެ މުއައްސަސާސަތަކުން ދައްކާ ވާހަކަތައް ދިމާ ނުވާ ކަމަށާއި ރާއްޖޭގެ މުއައްސަސާތައް އޮތީ ބައެއްގެ އަތް ދަށުގެ ފުނޑުފުނޑުވެފައި ކަމަށެވެ. ރާއްޖެ ކިތަންމެ އުފާވެރިކޮށް ސަރުކާރަށް ފެނުނަސް ރާއްޖެ އޮތީ އުފާވެރި ހާލަތެއްގައެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް އެއް ޕުލެޓް ފޯމަކަށް އަޅަން ތައްޔާރަށް ތިބި ކަމަށެވެ.

ރައީސް ނަޝީދު ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެއިން ބޭރަށް ކުރައްވާފައިވާ ދަތުރުތަކުގެ މައުލޫމާތުތައް ވޭތިވެދިޔަ ހަފްތާގެ ތެރޭގައި އާންމުކޮށްފައި ވަނިކޮށް އަލީ ވަހީދު ވިދާޅުވީ ރައީސް ނަޝީދު ކުރައްވާ ދަތުރުފުޅުތަކަކީ ސަރުކާރުގެ ހަރަދުގައި ކުރާ ދަތުރުތައް ނޫން ކަމަށެވެ.