ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދިފާއުގައި ފަހު ނޭވަޔާ ހަމަޔަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

"ޑިމޮކްރަސީއަށް އާ އުންމީދެއް" މި ނަމުގައި ކާނިވަލުގައި ބޭއްވި އެމްޑީޕީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ގާސިމް އިބްރާހިމަކީ ސިޔާސީ ހަތުރަކަށް ވެދާނެ ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ދިފާއުގައި ކުރަންޖެހުނު ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. ގާސިމްގެ މުދަލަކަށް އެއްވެސް ބަޔަކަށް ނުބެހެވޭނެ ކަމަށާއި އެމަނިކުފާނުގެ ދިފާއުގައި ނުކުންނަނީ "ހަމައެކަނި އުސޫލަކަށްޓަކައި" ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އޮނަރަބަލް ގާސިމް އިބްރާހިމްގެ ދިފާއުގައި އަޅުގަނޑު އެންމެ ފަހު ނޭވަޔަށް ދާންދެން މަސައްކަތް ކުރާނަން. ރައީސް ޔާމީން އަންދާޒާ ތިޔަ ކުރައްވަނީ އަނެއްކާވެސް ގޯސްކޮށް. އަޅުގަނޑުމެންނަކީ ވެރިކަމުގެ ދަހިވެތިކަމުގައ ތިބި ބައެއް ނޫން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

"ތަކުރާރުކޮށް ދަންނަވަން ބޭނުންވާ އިތުރު ވާހަކައަކީ އަޅުގަނޑުގެ ސިޔާސީ ހަތުރަކަށް ވެދާނެ އޮނަރަބަލް ގާސިމް އިބްރާހިމް. އެހެންނަމަވެސް އަޅުގަނޑުމެން މިރޭ މި ކަނޑައަޅަނީ އެމަނިކުފާނުގެ ދިފާއުގައި ކުރާން ހުރި ހުރިހާ މަސައްކަތެއް އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ކުރާނަން. ގާސިމްގެ މުދަލަކަށް އަރައެއް ނުގަނެވޭނެ. ގާސިމްގެ ޒާތަކާ ނުބެހެވޭނެ. އަޅުގަނޑުމެން ނުކުންނާނަން، ގާސިމްގެ އިބްރާޙިމްގެ ދިފާއުގައި ހަމަ ކަށަވަރުން ވެސް އަޅުގަނޑުމެން މި ނުކުންނަނީ އުސޫލަކަށްޓަކާ،"

"ޑިމޮކްރަސީއަށް އާ އުންމީދެއް" މި ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޔާމިން ކުރައްވާ "އަންދާޒާ" ރަނގަޅު ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވެ، ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން "ޑީލް" ހެއްދެވުމަށް ބަޔަކު ފޮނުއްވަވާ ކަމަށެވެ. "މިއީ ގޯސް މީހާ" ކަމަށާއި ނާޖައިޒް އެއްވެސް އެއްވެސް ލާރިއެއްގައި ނުހިފާނެ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވި އެވެ.

ގާނޫނު އަސާސީ ދަމަހައްޓަވާނެ ކަމަށާއި ހުއްޓިފައިވާ ޝަރީއަތް އަލުން ހިންގަވަން ފެއްޓެވުމަކުން ބިރުފުޅުނުގަންނަވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ރައީސް ޔާމިން ވަޑައިގެން އަޅުގަނޑަށް ޝަރީއަތް ހިންގަވާ. މަނިކުފާނު ހީފުޅު ކުރެއްވީތޯ އަޅުގަނޑު ބިރުގެންނެވިދާނެ ކަމަށް. ޝަރީއަތުގެ ބިރުގައި ކުޑަ ގޮޅީގެ ބިރުގައި އަދަނގޮޑީގެ ބިރުގައި ނޫން ނުވާނެ މަނިކުފާނު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ގާސިމް އިބްރާހިމްގެ ދިފާއުގައި ނުކުންނަވާނެ ކަމަށް ރައީސް ނަޝީދު މިރޭ ވިދާޅުވައި ވަނީ އުމުރުން 65 އަހަރު ވެފައިވާ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހެދުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއިން މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނިކޮށެވެ. އެ އިސްލާހު މަޖިލީހުން ފާސްކޮށް، ރައީސް ތަސްދީގު ކުރައްވައިފިނަމަ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ގާސިމަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ގާސިމަށް މިއަހަރު 65 އަހަރު ފުރޭނެ އެވެ. އަދި ރައީސް މައުމޫންނަށް މިއަހަރު 79 އަހަރު ފުރޭނެ އެވެ.
"ޑިމޮކްރަސީއަށް އާ އުންމީދެއް" މި ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ