16 Jan 2015, 21:34
ދުނިޔޭގެ ފެންވަރުގެ މަޝްވަރާތަކުގައި ކުދި ގައުމުތައް ތަމްސީލު ކުރުމަކީ ދިވެހިރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ކުދި ގައުމުތަކުގެ ބައިނަލް އަގުވާމީ ޖަމިއްޔާ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ ފުރަތަމަ ބައްދަލުވުމަށް ފޮނުއްވެވި މެސެޖުގަ މިނިސްޓަރު ދުންޔާ ވިދާޅުވީ މި ވަގުތަކީ ކުދި ގައުމުތަކުގެ މުސްތަގުބަލް ހިމާޔަތް ކުރާނެ ފަދަ މުހިއްމު އަދި ފައިދާ ހުރި ނިންމުންތައް ނިންމަންޖެހޭ ވަގުތެއް ކަމަށެވެ.
އެއޯސިސް ރިޔާސަތަކާ ރާއްޖެ ހަވާލުވިފަހުން ބޭއްވި ފުރަތަމަ ބައްދަލުވުމަށް ފޮނުވި މެސެޖުގައި މިނިސްޓަރު ވިދާޅުވީ ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީ އާއި ދުނިޔޭގެ ފެންވަރުގައި ތިމާވެށީގެ މަޝްވަރާތައްކޮށް، ކުދި ގައުމުތަކަށް އޮތް ފުރުސަތުތައް ކުރިއެރުވުމުގެ މުހިންމު ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ކުދި ގައުމުތަކުގެ ފަރާތުން އިސްނަގައި ވަކާލާތު ކުރުމަށް ލިބުމަކީ ރާއްޖެއަށް ލިބިގެންދާ ފަހުރެއް ކަމުގައި ވެސް މިނިސްޓަރުގެ ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީން ބުނީ އެއޯސިސްގެ ރިޔާސަތު ރާއްޖެއިން ހަވާލުވީ ދުނިޔެގެ ތަރައްގީގެ ލަނޑުތަނޑިތަކާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން މުހިއްމު ނިންމުންތަކެއް ނިންމަމުންދާ އަހަރެއްގައި ކަމަށެވެ.
ޕޯސްޓް ޑިވެލޮޕްމަންޓް އެޖެންޑާ ތަންފީޒު ކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މުހިއްމު ނިންމުންތަކެއް މިއަހަރު ފަހުކޮޅު އެއޯސިސްގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރު ދުންޔާ މައުމޫންގެ މެސެޖު އެއޯސިސް ބައްދަލުވުމަށް އިއްވައި ދެއްވީ އދ. އަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ސަމީރެވެ.
އެއޯސިސް އަކީ ތަރައްގީއާ ގުޅޭ ގޮންޖެހުންތަކާއި ތިމާވެއްޓާ ގުޅޭ މައްސަލަތަކުގައި އެއް ވިސްނުމެއް ގެންގުޅޭ، ކުދި ޖަޒީރާ ގައުމުތަކުގެ އެލަޔަންސެކެވެ. ރާއްޖެ އިން އެއޯސިސްގެ ޗެއާމަން ކަމާ ހަވާލުވީ މި މަހުގެ އެކެއްގައެވެ.