16 Jan 2015, 16:58
ސްޕެނިޝް ލިޔުން ތެރިއާ، ހާވިއާ މޯރޯ ލިޔުނު، އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާނދީގެ ޑްރަމަޓައިޒު ބައިގްރަފީ، ހަތް އަހަރަށް ފަހު އެެންމެ ފަހުން އިންޑިއާގެ ފޮތް ފިހާރަތަކަށް ނެރެފި އެވެ.
ދެހާސް އަށް ވަނަ އަހަރު ފުރަތަމަ ސްޕޭންގައި ނެރުނު ފޮތް އިންޑިއާގައި މިހާތަނަށް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އެންޑީޓީވީ އިން މިއަދު ބުނީ، އެއީ އެ ފޮތް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ޗާޕު ކުރުމަށް އެއްވެސް އިންވެސްޓަރު ޝައުގުވެރި ނުވި ކަމަށެވެ. އަދި މިދިޔަ މޭ މަހާ ހަމަ އަށް 10 އަހަރު ވަންދެން އިންޑިއާގެ ވެރިކަމުގައި އޮތް ކޮންގްރެސްގެ ރުހުން ނެތި އެކަން ކުރުމަށް ފަސް ޖެހިގެން ވެސްމެ އެވެ. އަދި ކޮންގްރެސްގެ ލީޑަރު އަބިހިޝޭކް މަނޫ ވަނީ ފޮތުގެ މުހައްލިލާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
ގާނދީގެ އާއިލާއާ އެއްވެސް ގުޅުމެއް ނެތް، މޯރޯ ވަނީ ބޮޑު ވަޒީރު އިންދިރާ ގާނދީ އަވަހާރަކޮށްލުމަށް ފަހު، ސޯނިއާ ގާނދީގެ ފިރިކަލުން އަދި އިންދިރާ ގާނދީގެ ދަރިކަލުންނަށްވީ ގޮތް ލިޔެފަ އެވެ.
އިންދިރާ ގާނދީގެ ސިކު ބޮޑީގާޑުން އެ ކަމަނާ އަވަހާރަކޮށްލީ 1984 ވަނަ އަހަރު އެވެ. އެ އަށް ފަހު ބޮޑު ވަޒީރުގެ މަގާމާ ހަވާލުވާން ޖެހުނީ ރަޖީވު ގާނދީ އަށެވެ. ލިޔުން ތެރިއާ ބުނީ އެ ހަބަރު ސޯނިޔާ އަށް ވެގެން ދިޔައީ "މަރަށް ހުކުމް ކުރުން" ފަދަ ކަމަކަށް ކަމަށެވެ.
ރަޖީވު ސޯނިޔާގެ އަތުގައި ހިފައިގެން ހިނގަމު އޭނާ އެކަމާ ހަވާލުވާން ޖެހޭނެ، މަޖުބޫރީ ސަބަބުތައް ބުނެދެވޭތޯ މަސައްކަތް ކުރަމުން ދިޔަ އެވެ. 'އެ ވަގުތު ކުޑަ ކުއްޖެއްހެން ދެ ލޯ ފުރޭ ވަރަށް ކަރުނަ ބާލަމުން ސޯނިޔާ ބުންޏެވެ. ނޫން ނޫން، ތިޔަ ކަން ނުކުރާށެވެ. "އެމީހުން ރަޖީވު މަރާލާނެ. އެ މީހުން ރަޖީވް މަރާލާނެ"، އިޓަލީވިލާތަށް އުފަން ސޯނިޔާއާ ހަވާލާދީ ފޮތުގައި ބުނެފައިވެ އެވެ. ލިޔުންތެރިއާ ފޮތުގައި ސިފަކޮށްދީފައި ވަނީ އެ ވަގުތު ސޯނިޔާ ރޯމަހެއް މަރަށް ތެޅުނު ފަދަ ގޮތަކަށް ތެޅުނު ކަމަށާއި އެެއްވެސް ހާލެއްގައި އެ ކަމަނާގެ ފިރިކަލުން ބޮޑު ވަޒީރުގެ މަގާމާ ހަވާލުވުމަށް އިއުތިރާޒު ކުރަމުން ދިޔަ ކަމަށެވެ.
ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ރަޖީވް ގާނދީ އަވަހާރަކޮށްލީ 1991 ވަނަ އަހަރު އެވެ. އެ ހަބަރު ރަޖީވް ގާނދީގެ ދަރިކަނބަލުން ޕްރިޔާންކާ އަށް ލިބުމާ އެކު އޭނާ އަވަސްވެ ގަތީ އޭނާގެ މަންމަ ކޮބައިތޯ ބެލުމަށެވެ. އަދި އެންޓިހިސްޓަމައިން އަށް ފަރުވާދޭ، އިންހޭލާ ފުޅި ހިފައިގެން މަންމަ ކައިރި އަށް ސިޓިން ރޫމަށް ދިޔަ އިރު ސޯނިޔާ އަތްގަނޑުލީ އަދަރާދަ ގޮނޑީގައި ދެލޯ މުދުނަށް އަރައި އަނގަ ތައްމިނަށް ހުޅުވި، ކަރު ފުރަގަހަށް އެލިފައި އޮތް ކަމަށް ފޮތުގައި ބުންޏެވެ. ޕްރިޔަންކާ ހީކުރީ އޭނާގެ މަންމަ ވެސް މަރުވަނީ ކަމަށެވެ.
ފަހުން ސޯނިޔާ ސިޔާސީ ދާއިރާ އަަށް ވެންނެވި ގޮތް ވެސް ފޮތުގައި ލިޔެފައިވެ އެވެ.