16 Jan 2015, 14:47
ބްރަސަލްސް (ޖަނަވަރީ 16) : ބެލްޖިޔަމްގެ ފުލުހުން އެ ގައުމުގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ވިރްވީގައި އެ ގައުމުގެ ސަލާމަތީ ބާރުތަކުން ހިންގި އަމަނާ ބެހޭ އޮޕަރޭޝަނެއްގައި ދެ މީހުން މަރާލުމަށްފަހު ސަލާމަތީ ފިޔަވަޅުތައް އާދަޔާ ޚިލާފަށް ވަރުގަދަކޮށްފި އެވެ.
ބެލްޖިޔަމްގެ ސަރުކާރުން ބުނީ ހަރުކަށި ފަރާތްތަކުގެ ނުރައްކާ ގައުމަށް ބޮޑުކަމަށާއި ނަތީޖާއެއްގެ ގޮތުން ގައުމުގެ އެކިކަންކޮޅުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާ ކަމުގަ އެވެ. ބެލްޖިޔަމްގެއެންޓި ޓެރަރިޒަމް ފުލުހުން އިއްޔެ ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވުމަށްފަހު އެނބުރި ގައުމަށް އައި ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ދެ މީހަކު މަރާލައި އިތުރު މީހަކު ހައްޔަރުކޮށްފަ އެވެ.
ދެ މީހުން މަރާލިއިރު ހަނގުރާމަވެރިން ގެންދިޔައީ ބެލްޖިޔަމްގައި ޓެރަރިސްޓް ޙަމަލާތަކެއް ދިނުމަށް ތައްޔާރުވަމުން ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެ އެވެ. ބެލްޖިޔަމްގެ ޕްރޮސެކިއުޓަރާ ޖެނެރަލްގެ އެހީތެރިޔާ އެރިކް ވާންދީރް ވިދާޅުވީ ބެލްޖިޔަމްގެ ގަޑިން ރޭ އިރާކޮޅުގެ ވަގުތެއްގައި ބެލްޖިޔަމްގެ ފުލުހުން އިސްވެ ބާރުގެ ބޭނުން ކުރީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ގައުމަށް އައި ޖަމާއަތެއްގެ ތެރޭގައި ހިމެނޭ މީހަކު އެ ގައުމުގެ ފުލުހުންނަށް އޮޓަމެޓިކް ހަތިޔާރުން ޙަމަލާދޭން މަސައްކަތް ކުރުމުން ކަމުގަ އެވެ.
އެ ގޮތަށް މަސައްކަތް ކުރުމުން ބެލްޖިޔަމްގެ ފުލުހުން އެ މީހާއަށާއި އޭނާއާއެކު ތިބި އެހެން މީހުންނަށް ޙަމަލާދީ ދެ މީހުން މަރާލައި އިތުރު މީހަކު ހައްޔަރު ކުރި ކަމަށް އެރިކް ވިދާޅުވި އެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު އެނބުރި ގައުމަށް އައި މީހުންނަށް ބެލްޖިޔަމްގެ ފުލުހުން ފާރަލައި އެ މީހުންގެ ޙަރަކާތްތައް ބަލަމުން ގެންދާތާ ދުވަސްތަކެއް ވެފައިވާއިރު ޝައްކު ކުރެވޭ ތަންތަން ބަލައި އެތަންތަން ފާސްކުރުމުގެ ކަންތައް ވެސް ފުލުހުންގެން ދަނީ ހިންގަމުންނެވެ.
ބެލްޖިޔަމްގެ އިރުމަތީ ސިޓީއެއް ކަމަށްވާ ވިރްވީ ގެ ލިޔާޖް ސަރަހައްދުގައި ހިނގި އެ ހާދިސާގެ ކުރިން ބެލްޖިޔަމްގެ ފުލުހުންވަނީ ހަތިޔާރުގެ ވަގު ވިޔަފާރި ކުރަމުންގެންދިޔަ މީހަކު އެ ގައުމުގެ މައި ރޭލްވޭ ސްޓޭޝަނުގެ ކައިރިން ހައްޔަރުކޮށްފަ އެވެ. މިދިޔަ ހަފްތާގައި ފަރަންސޭސިވިލާތުގައި ދިންޓެރަރިސްޓް ޙަމަލާތަކުގައި ބައިވެރިވި މީހުންނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި އެ މީހާގެ ދައުރެއްވޭތޯ ބަލައި ތަހުގީގު ކުރަމުންގެންދާ ކަމަށް ބެލްޖިޔަމްގެ ފެޑްރަލް ފުލުހުން ބުނެ އެވެ.
ބެލްޖިޔަމްގައި އެ ހާދިސާ ހިނގާފައި މި ވަނީ ހަތިޔާރު އަޅައިގެންތިބި ބަޔަކު ފަރަންސޭސިވިލާތުގައި ދިން ޙަމަލާތަކެއްގައި 17 މީހުން މަރުވިތާ ހަފްތާއެއްހާ ދުވަސްވެފައި ވަނިކޮށެވެ. ފަރަންސޭސިވިލާތުގައި ދިން ޙަމަލާތަކުގެ ތެރެއިން އެންމެ ގިނަބަޔަކު މަރުވެފައިވަނީ ކީރިތި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ކާޓޫން ކުރަމުންދިޔަ އެގައުމުގެ ނޫހެއްކަމަށްވާ ޗާލި އެބްޑޫ ނޫހުގެ މައި އޮފީހަށް ދިން ބަޑީގެ ޙަމަލާތަކުގަ އެވެ.
އެޙަމަލާތަކުގައި 12 މީހުން މަރުވެ އިތުރު ބަޔަކު ޒަޚަމްވެފައިވެ އެވެ. ބެލްޖިޔަމްގައި ރޭ ހިނގި އެ ޙާދިސާ ހިނގާފައި ވަނީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގާ ބައިވެރިވުމަށްފަހު އެނބުރި އަންނަމީހުންގެ ނުރައްކާ ވިލާތުގެ ގައުމުތަކަށް ބޮޑުވަމުންދާކަމުގެ އިންޒާރު ވިލާތުގެ ލީޑަރުން ދެއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. (އަލްޖަޒީރާ)