16 Jan 2015, 14:49
ޝަންހާއި -- ޖެނުއަރީ 16 -- ޗައިނާގެ ޔޭންގްޓޭސް ކޯރަށް ޓަގް ބޯޓެއް މިއަދު ބަންޑުން ޖަހާލައި 22 މީހަކު ގެއްލިއްޖެ އެވެ.
ޗައިނާގެ ސްޓޭޓް މީޑިއާ އާ ހަވާލާދީ ފްރާންސް 24 އިން މއަދު ބުނީ އެ ހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ސިންގަޕޫގެ ހަތަރު މީހަކާ އެކު ބިދޭސީ އަށް މީހަކު ތިބި ކަމަށެވެ. ބާކީ ތިބި މީހުންނަކީ ޗައިނާ މީހުން ކަމަށެވެ.
ފްރާންސު 24 އިން ބުނީ އެ ޓަގް ބޯޓަކީ މުޅިން އާ ބޯޓެއް ކަމަށާއި އެ ހާދިސާ ހިނގައި ޓަގް ބަންޑުން ޖެހީ ޓަގުގެ ޓެސްޓް ދަތުރުގައި އުޅެނިކޮށް ކަމަށެވެ. އޭރު ޓަގުގައި 25 މީހުން ތިބި ކަމަށް ވެސް ނޫހުން ބުންޏެވެ. ނަމަވެސް ތިން މީހަކު ވަނީ ސަލާމަތްކޮށްފަ އެވެ.
ޝަންހާއީ ތިބި ޖަޕާނާއި އިންޑިއާގެ އޮފިޝަލުން ވިދާޅުވީ އެ ޓަގުގައި އެއިން ކޮންމެ ގައުމަކުން އެކަކު ހިމެނޭ ކަމަށެވެ. އަދި އިންޑޮނޭޝިޔާ އާއި މެލޭޝިޔާ އިން ކޮންމެ ގައުމަކުން މީހަކު ވެސް ބޯޓުގައިވާ ކަމަށް ޗައިނާގެ ރަސްމީ ފަރާތްތަކުން ބުންޏެވެ.
ނޫހުން ބުނީ ބޯޓު އަޑިއަށް ދިޔައީ ފޫގޮސްގެން ކަމަށާއި ދިޔަވާން ފެށިތާ 20 ވަރަކަށް ސިކުންތުގެ ތެރޭގައި ބޯޓު އޮތީ އަޑީގައި ކަމަށެވެ.