16 Jan 2015, 13:47
ކޮލަންބޯ (ޖަނަވަރީ 16) : އެކި ދީންތަކަށާއި އެދީންތަކުގެ ރަމްޒުތަކަށް މަލާމާތާއި ފުރައްސާރަ ކުރުމަކީ ހަރުކަށި ކަމާއި ތައައްސުބުގެ އަމަލެއް ކަމަށާ އެއީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫންކަމަށް ނަސާރާ ކެތަލިކް މަޛްހަބުގެ އެންމެ އިސް ފާދިރީ ޕޯޕް ފްރާންޝިސްކޯ ވިދާޅުވެއްޖެ އެވެ.
ސްރީލަންކާ އަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެގައުމުން ފުރާވަޑައިގެން ފިލިޕީންސަށް ކުރައްވާ ދަތުރުފުޅެއްގައި މަތިންދާބޯޓުގައި ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ފްރާންޝިސްކޯ ވިދާޅުވީ ދީންތަކަށް ފުރައްސާރަ ކުރުމަކީ ތައައްސުބުގެ އަމަލެއް ކަމަށާ އެއީ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫން ކަމުގަ އެވެ. އަދި އެކި ދީންތަކަށާއި އެދީންތަކުގެ ރަމްޒުތަކަށް މަލާމާތާއި ފުރައްސާރަކުރާ ފަރާތްތަކަށް އެކަމުގެ ނޭދެވޭ ނަތީޖާއާ ކުރިމަތިލާންޖެހޭނެ ކަމަށް ވެސް ޕޯޕް ފްރާންޝިސްކޯ ވިދާޅުވި އެވެ. މީގެ އިތުރުން ވިލާތުގެ ގައުމުތަކުގައި ފެތުރެމުންދާ މުސްލިމުންނާ އިދިކޮޅު ހަރުކަށި ޚިޔާލުތަކާމެދު ވެސް ކަންބޮޑުވާކަން ޕޯޕް ހާމަކުރެއްވި އެވެ.
ޕޯޕް މިމޭރުމުން ވާހަކަ ދައްކަވާފައިމިވަނީ އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް މަލާމާތާއި ފުރައްސާރަ ކުރަމުންދިޔަ ފަރަންސޭސި ނޫހެއް ކަމަށްވާ ޗާލީ އެބްޑޫގެ އޮފީހަށް ބަޔަކު ދިން ޙަމަލާތަކެއްގައި 12 މީހަކު މަރުވެފައިވަނިކޮށެވެ. (އަލްޖަޒީރާ)