އަންކަރާ (ޖަނަވަރީ 16) : އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫއަކީ ފަރަންސޭސިވިލާތުގެ ޗާލީ އެބްޑޫ ނޫހަށް ޙަމަލާދިން ޓެރަރިސްޓުންނާ އެއްފަދަ ބޭފުޅެއް ކަމަށް ތުރުކީގެ ބޮޑުވަޒީރު އަޙްމަދު ދާއޫދު ތުހުމަތު ކުރައްވައިފި އެވެ.

އަންކަރާގައި ދެއްވި ބަޔާނެއްގައި އަހްމަދު ދާއޫދުވިދާޅުވީ އިސްރާއީލުގެ ހަރުކަށި ވެރިންނަކީ ވެސް ޗާލީ އެބްޑޫ ނޫހަށް ޙަމަލާދިން ޓެރަރިސްޓުން ފަދައިން ކުށެއްނެތް މީހުން މަރަމުން ގެންދާ ބައެއްކަމަށާއި މީގެ ތެރޭގައި އިސްރާއީލުގެ މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަނިޔާހޫ ހިމެނޭ ކަމުގަ އެވެ. އިސްރާއީލުން ޣައްޒާގެ ޢާންމުންނަށް ޙަމަލާދީ އެތައް ހާސްބަޔަކު މަރައި އެމީހުންގެ ގެދޮރު ހަލާކުކޮށްލުމަށް އިސްރާއީލުން ދިން ޙަމަލާތަކާއި ޣައްޒާ އަށް އިންސާނީ އެހީ ހިފައިގެން ދިޔަ ތުރުކީގެ މަދަނީ އާގުބޯޓަށް އިސްރާއީލުން ޙަމަލާދީ އެތަށްބަޔަކު މަރާލުމަކީ ޗާލީ އެބްޑޫ ނޫހަށް ދިން ޙަމަލާތައްފަދަ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ތުރުކީގެ ބޮޑުވަޒީރު ސިފަކުރެއްވިއެވެ.

ޗާލީ އެބްޑޫ ނޫހަށް ދިން ޙަމަލާތަކާ ގުޅިގެން ހަރުކަށިކަމާ އަދި ޓެރަރިޒަމާ ދެކޮޅަށް ފަރަންސޭސިވިލާތުގައި ބޭއްވި ބޮޑު ހިނގާލުމުގައި ނަތަނިޔާހޫ ބައިވެރިވެ ވަޑައިގެންފައިވާތީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ އެކަމާ ނުރުހުންފާޅުކުރައްވާފައެވެ. އުރުދުޣާން ވިދާޅުވީ އެތަށް ހާސް ފަލަސްތީނު ރައްޔިތުންގެ ތާހިރުލެއިން ތަތްތެޅިފައިވާ ނަތަަނިޔާހޫފަދަ އަނިޔާވެރިއަކު މިފަދަ ހިނގާލުމެއްގައި ބައިވެރިކޮށްފައިވާތީ ލަދުވެތި ވެވަޑައިގަންނަވާ ކަމުގައެވެ. (އަލްޖަޒީރާ)