ޒުވާނުންނަށް އަމާޒުކޮށްގެން ދީނީ ރޫހް އާލާ ކުރުމަށް ޓަކައި އިސްލާމިކް މިނިސްޓްރީ އިން ސިލްސިލާ ދަރުސްތަކެއް ބޭއްވުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވި ގޮތުގައި "ދަ މެސެޖް" ނަމުގައި އެ މިނިސްޓްރީ އިން ކޮންމެ މަހަކު ދަރުސެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެ ދަރުސްތައް ބޮޑަށް އަމާޒު ކުރެވިގެންދާނީ ޒުވާނުންނަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ދަރުސްތައް ގިނައިން ދެއްވާނީ ބައިނަލްއަގުވާމީ ފެންވަރުގެ އިލްމުވެރިން ކަމަށެވެ.

އެ ސިލްސިލާގެ ދަށުން ފުރަތަމަ ބާއްވާ ދަރުސް މި މަހުގެ 23 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާ އިރު އެ ދަރުސް ދެއްވުމަށް ހަމަޖައްސާފައި ވަނީ އައްޝައިހް އާދަމް ޝަމީމް އިބްރާހިމެވެ. އެ ރޭ ދަރުސްގެ މައުލޫއަކީ "ގައުމާމެދު އަހަރެމެންގެ މަސްއޫލިއްޔަތު" އެވެ.

މާލޭގައި މިއުޒިކް ޝޯތަކެއް ބޭއްވި ދުވަސްވަރެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައި ވަނީ ރާއްޖޭގައި އިސްލާމީ ސަގާފަތާއި އަގީދާ ދިރުވަން ގިނަގުނަ މަސައްކަތްތަކެއް ކެތްތެރިކަމާއެކީ ކުރަންޖެހޭ ކަން ވަރަށް ބޮޑަށް ސާފުވެގެން ހިނގައްޖެ ކަމަށެވެ.

"މާތް ﷲ މުސްލިމުން އިއްޒަތް ކުރެއްވީ އިސްލާމް ދީނާއި އެ ދީނުގެ ސަގާފަތުން. ފަހެ އެޔާ ދުރަށްދެވޭ ނަމަ އެދެވެނީ ނިކަމެތި ކަމާ ދިމާލަށް،" މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވެ އެވެ.

ރާއްޖޭގެ އިލްމުވެރިންނަށް އިޝާރާތްކުރައްވައި ވެސް މިނިސްޓަރު ވަނީ ޓުވީޓެއް ކުރައްވައިފަ އެވެ. އެގޮތުން އިލްމުވެރިން އެބޭފުޅުންގެ ވާޖިބު އަދާކުރައްވާފައިވާ ކަމަށާއި އިލްމުވެރިންނާ ފުރައްސާރަކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޓުވީޓެއް ކުރައްވާފައިވެ އެވެ.