16 Jan 2015, 13:26
މާލޭގެ ބައެއް މަގުތަކަކީ ދުއްވާ އެއްޗިއްސަށް ނުވަދެވޭ "ހިތްއުފާކޮށްލަން" މީހުން ނުކުމެ އުޅެވޭ ތަންތަން ކަމުގައި ހައްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލޭގައި ޖާގަ ހުސްކުރެވޭނެ ގޮތްތަކެއް ހޯދަން ނިންމަވާފައިވާ ކަމަށާއި އެއީ މާލޭގެ ހަނިގޯޅިތަކުގެ އިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ހިތްއުފާކޮށްލުމަށް "ނޭވާލެވޭނެ" ޖާގަ ހޯދައިދިނުމަށް ކަމަށެވެ. އެކަން ކުރާނެ ގޮތް ހަފްތާއެއް ހާ ދުވަހުގެ ތެރެގައި އިއުލާން ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޖުމަ ބެލުމުގެ ގޮތުން މާލޭގެ ދެ ސަރަހައްދެއްގައި މިކަން ފެށިގެންދާނެ. ސްކޫލްތައް ކައިރި ސަރަހައްދު ހިމެނޭނެ އެއް ސަރަހައްދެއްގެ ގޮތުގައި، އެއީ ސްކޫލަށްދާ ކުދިންނަށް ފަސޭހަ ކުރުމަށް ޓަކައި އެއާ އެކު މިދެންނެވި ބޭނުމުގެ އަހުލުވެރިންނަށް އަމާޒު ކޮށްގެން އަޅުގަނޑުމެން އިއުލާން ކުރާނަން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ އުސޫލް ހަމަޖެހިގެން ދިއުމާ އެކު މާލޭގެ ހަނިގޯޅިތައް މުޅިން ޓުރެފިކަށް މަނާ ގޯޅިތަކަށް ވެގެންދާނެ ކަމަށާއި އޭރުން ޒަރޫރީ ބޮޑެތި ބޭނުމެއް ޖެހިގެން ފިޔަވައި އެ ގޯޅިތަކަށް ދުއްވާއެއްޗެހި ނުވަންނާނެ ކަމަށެވެ. އަދި އެގޯޅިތައް ވެގެންދާނީ ކުޑަކުދިން ކުޅިވަރު ކުޅޭނެ ގޯޅިތަކަކަށް ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހިން ހޭނިފައި ވަނީ ގޭގެ ދޮރުމަތީގައި، ދުއްވަން ގެންގުޅޭ ވެހިކަލް ޕާކް ކުރަން ކަމުގައި ވުމުން އެފަދަ ބަދަލުތަކެއް އަންނައިރު ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތިވާނެ ކަމަށާއި އެކަންކަމަށް ގުރުބާން ކުރަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ޕާކްކުރުމަށް ގެންނަ ބަދަލުތަކާ ގުޅިގެން ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒު ކުރިން ވިދާޅުވެފައި ވަނީ މާލެ ރީ ޕްލޭން ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ޕާކިން ޒޯންތަކަށް ހާއްސަ ސަރަހައްދުތަކެއް ކަނޑައެޅޭނެ ކަމަށެވެ. އެގޮތުން މިހާރު މާލޭގައި 49605 އުނޅަދު ދުއްވަމުންދާ އިރު އެ އުޅަނދުތައް ޕާކް ކުރުމަށް މިހާރު ހުރި އޭރިއާއަކީ އުޅަނދަކަށް 1.5 މީޓަރު ކަމަށާއި އެ އޮތޯރިޓީގެ ވިސްނުން ހުރީ އެ އަދަދު ދެ މީޓަރަށް ވާނެ މިންވަރަށް ބަދަލުކުރުން ކަމަށެވެ. އެގޮތުން އެ އޮތޯރިޓީން މަސައްކަތް ކުރަމުންދަނީ މާލޭގައި ދުއްވޭނީ ކިހާ އުޅަނދެއްކަން ވަރަށް އަވަހަށް ކަނޑައަޅައި އެކަމަށް އަމަލު ކުރަން ފެށުން ކަމަށް ނާޒިފް ވަނީ ވިދާޅުވެފަ އެވެ.