އެއީ ސިޔާސީ ހަލަބޮލިކަން ފެށުނު ދުވަސްކޮޅެވެ. ކުރީގެ ރައީސް ނަޝީދު އެންމެ "ފޯރިއެރުވި" ޒަމާނެވެ. އިސްލާހީ މަސައްކަތް ފެށުމާ އެކު ގައުމު ހަލަބޮލިކުރަން ފެށި ދުވަސްވަރެވެ. ރައީސް މައުމޫން އަބުދުލްގައްޔޫމްގެ "ހުތުމުހުތާރު" ކަމުގެ އަޑު ގައުމުގައި ގުގުމަން ފެށީ އޭރު އެވެ. އެމްޑީޕީން އިސްލާހީ އެޖެންޑާތައް ބަނޑުން ކުރި ދުވަސްވަރު ވެސްމެ އެވެ. އެމްޑީޕީގެ ކޮންމެ އެޖެންޑާއެއް ކޮޅަށް ޖެހުމަށް ވިއްދާ "ކައްތިރި" އަކަށް އޭރު ހުންނެވި އެއްބޭފުޅަކީ މިހާރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ. ބޮޑުހިތްވަރެއް ދިނުމަށް އަޑުހަރުކޮށް މަސައްކަތް ކުރީ ހަމަ އަދާލަތުންނެވެ. އެއީ މާޒީއެވެ. އޭގެ ފަހުން އެތައް އަގުހުރި ފިލާވަޅުތަކެއް ދިވެހި ގައުމުގެ ތާރީހުގައި ވަނީ ފެވިގެންގޮސްފަ އެވެ. "އެކުވެރި ކަމަކީ ގަދަ ފަދަ ބާރެކެވެ." "ހަކުރު ދެންޔާ ބޮޑުބޭބެ އެވެ." އެފަދަ އެތައް ކަމެކެވެ.

ގިނަ ބައެއްގެ އެތައް މަސައްކަތެއްގެ ނަތީޖާއަކަށްވީ "އާރާއި ބާރުގައި ހުރި" ރައީސް މައުމޫން ވެރިކަމުގެ ކޮއިލުން ނުކުމެވަޑައިގަންނަން ޖެހުމެވެ. ދެހާސް އަށް ވަނަ އަހަރުގެ ރިޔާސީ އިންތިހާބުން ރައީސް މައުމޫން ބަލިކުރައްވައި އެ މަގާމު "ތަބަކަކަށް ލާފައި" ރައީސް ނަޝީދަށް ހަވާލު ކުރެއްވީ މިދެއްނެވި ދެ ޕާޓީން އިސްވެއޮވެ އެވެ. ޑރ. ހަސަން ސައީދުގެ މަސައްކަތްޕުޅު ވެސް އޭގެ ތެރޭފައި ހިމެނެ އެވެ.

ޒަމާންވީ ވެރިކަމެއް ނިމުމަކަށް ގެނެސް އެ މަގާމް ނަޝީދަށް ހިބަކުރެވުނަސް އެ ޝަރަފާއެކު ނަޝީދަށް ކުރިއަށް ވަޑައިގެންނެވުނީ ތިން ފިޔަވަޅަށެވެ. ދެ އަހަރާއި ދެ މަސް ތެރޭ އެނބުރި މުޒާހަރާއަށް ނުކުތުމަށް މަޖުބޫރު ކުރުވީ ވެސް ކުރިން ދެއްނެވި އެކުވެރިންނެވެ. އަޑީގައި ޑީއާރްޕީ އޮވެގެންނެވެ.

ކުރު މާޒީގައި މުޅިން ވެސް ހިނގައި ދިޔައީ އިސްލާހީ ފިޔަވަޅުތަކުގެ ވާހަކަ އެވެ. އިސްލާމް ދީނާއި ގައުމު ދިފާއު ކުރުމުގެ ވާހަކައެވެ. އާއެކެވެ. މުޅިންވެސް "ޓަކާޓަކާ" އެވެ. އެ ޝިއާރުގެ ދަށުން އެއް ހާފުގައި ރައީސް މައުމޫން ބަލިކުރެއްވިއިރު އަނެއް ހާފްގައި ވަނީ ރައީސް ނަޝީދު ބަލިކުރައްވާފަ އެވެ. ދެން އޮތީ އެކްސްޓާ ޓައިމެވެ. ހަމަ މިހާރު ވެސް ދެކެވެން މި ފެށީ އެއްކަލަ ޓަކާޓަކާ އެވެ. އާއެކެވެ. މިފަހަރު ގާނޫނު އަސާސީ ހިމާޔަތް ކުރާ ވާހަކަ އެވެ. އެމްޑީޕީން ވެސް ޖުމްހޫރީން ވެސް އަދި އަދާލަތުން ވެސް އެއް ރާގަކަށް އެއްލަވައެއް ކިޔައިން ފަށައިފި އެވެ. ބެލެވޭގޮތުން އަރާނީ ވެސް އެއް އޮޑިއަކަށެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ޖުމްހޫރީޕާޓީއާ އެކު މަޝްވަރާކުރަމުން ދާ ކަމަށެވެ. އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީގެ ފިކުރު އެއްގޮތް ވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެ ޕާޓީން ތެދުނުވާންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ، އަދި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ދިވެހި ހުރިހާ ރައްޔިތުން ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީއާ އެކު ތެދުވުމަށް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ.

ނަޝީދުގެ ގޮވާލެއްވުމަށް ހަފްތާއެއް ނުވެއެވެ. ޖުމްހޫރީ ޕާޓީއިން ވަނީ އެލަވަ ކިޔަން ފަށާފަ އެވެ. ގާނޫނޫ އަސާސީ ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށާއި، އެމްޑީޕީން ޖޭޕީ އާ އެއް އޮޑިއެއްގައި ދަތުރުކުރަން ނިންމެވީތީ އުފާކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް މިވަނީ މީގެ 15 ވަރަކަށް ގަޑިއިރު ކުރިން ވިދާޅުވެފަ އެވެ.

"ގާނޫނު އަސާސީ ހިމާޔަތް ކުރަން ކުރަންޖެހޭ ކަންކަން ކުރުމަށް ޖޭޕީ ޕީޖީ އިން ވަނީ ނިންމާފަ، އެކަމުގައި އެއް އޮޑިއެއްގައި ދަތުރުކުރަން ރައީސް ނަޝީދު ނިންމެވީތީ އުފާކުރަން،" ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރަކަށް ހުންނަވަނިކޮށް މަގާމުން ވަކިކޮށްފައިވާ އަމީން ވިދާޅުވިއެވެ.

އެރާގަށް އިތުރު ފުރިހަމަކަމެއް ގެންނަނީ އަދާލަތުން ވެސް އެރާގަށް ޅެން ވިދާޅުވުމުންނެވެ. އެ ޕާޓީގެ ރައީސް ޝޭހް އިމްރާން ވިދާޅުވީ ގާނޫނު އަސާސީ ހިމާޔަތްކުރުމުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް އަދާލަތު ޕާޓީން ވާނެ ކަމަށެވެ.

ގާނޫނު އަސާސީގެ ދިފާއުގައި ތެދުވަން ޖެހިފައިވާ ކަމަށް އެ ތިން ޕާޓީއިން ވެސް އެއްލަވައެއް ކިޔަން މިފަށާފައި ވަނީ މިދިޔަ އަހަރު ހިނގާފައިވާ ކަންތައްތަކެއް ވެސް ފެންމަތިކޮށެވެ. އޭގެ ތެރެއިން އެއްކަމަކީ ކުއްލި ރިޕޯޓަކާއެކު ސިހުންލިބި އޮޑިޓާ ޖެނެރަލަކު މަގާމުން ވަކިކުރުމެވެ. ދެން ހިނގި ކަމަކީ އެމްޑީޕީއިން ހުށަހެޅި އިސްލާހަކާ އެކު ސުޕްރީމް ކޯޓުގެ ބެންޗު ކުޑަކުރުމެވެ. އުމުރުން 65 އަހަރުވުމުން ރައީސުލްޖުމްހޫރީއްޔާ ކަމުގެ މަގާމަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު އަސާސީ އަށް އިސްލާހު ގެނައުމަށް ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވަނީ މަޖިލީހަށް ބިލެއް ހުށަހަޅުއްވާފަ އެވެ. އެ އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމަކަށް ރިޔާސީ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. ރައީސް މައުމޫނަށް މިއަހަރު 78 އަހަރު ފުރޭނެ އެވެ. އަދި މި އަހަރު ގާސިމަށް 65 އަހަރު ފުރޭނެ އެވެ. ހަމައެހެންމެ ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރައްވައި އިސްތިއުފާ ދެއްވާ ބޭފުޅުންނަށް ރައީސް ކަމުގެ މަގާމަށް ވާދަ ނުކުރެވޭ ގޮތަށް އިސްލާހު ހުށަހަޅުއްވަން ވިސްނަމުންދާ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ބުނެފައިވާ ވުމަކީވެސް އެބުނާ ހިމާޔަތައް ނުކުންނަން ޖެހޭ ސަބަބުކަމަށް ބެލެވެއެވެ.

އެކީގައި ތިން ޕާޓީއެކު އަތުގުޅައިގެން އެއް އޮޑިއަށް ނޭރިޔަސް މިފަހަރު މި އޮތީ އެއް ލަވައެއް އެއް ދަނޑިވަޅެއްގައި ކިޔަން ފައްޓާފަ އެވެ. ވަގުތާއި ހާލަތައް ބަލާއިރު ނޭންގިވާ ސިއްރު ބޮޑުކަން ފާހަގަވެ އެވެ. ގާނޫނު ހިމާޔަތް ކުރަން ބުނެ ތިން ޕާޓީން އެކުގައި ނުކުތުމުން ސަރުކާރަށް އެއްވެސް ދާއިރާއަކުން ލޮޅުމެއް އަރާފާނެބާ އެވެ؟

ގާނޫނު އަސާސީ އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތައް އެމްޑީޕީ ޖުމްހޫރީ ޕާޓީ އަދި އަދާލަތުން މަސައްކަތް ކުރާނެ ކަމަށް ބުނެފައިވާއިރު މިކަން އެންމެ ބޮޑަށް ކުރާނެ އަދި ކުރެވޭނެ ދާއިރާއަކަށް ފެންނަނީ ރައްޔިތުންގެ މަޖިލީހެވެ. ނަމަވެސް އެ ދިމާލުން ސަރުކާރަށް ސިހުމެއް އޮތްހެނެއް ހިޔެއްނުވެ އެވެ. މަޖިލީހުގައި އެމްޑީޕީގެ 22 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ 13 މެމްބަރުންގެ އިތުރުން އަދާލަތުގެ އެއް މެމްބަރު އެކުގައި ތެދުވުމުން ވެސް މިވަނީ 35 މެމްބަރުންނެވެ. ސަރުކާރު ހިންގާ ޕީޕީއެމަށް އެކަނިވެސް 43 މެމްބަރުން މަޖިލީހުގައި ތިބޭއިރު ސަރުކާރުގެ އަނެއް އެކުވެރިޔާ އެމްޑީއޭގެ ފަސް މެމްބަރުންނާއެކު 48 މެމްބަރުންނާއެކު ސަރުކާރަށް އޮތީ ބޮޑު ހިނިތުން ވުމެކެވެ. މަޖިލީހުގައި ހަމައެކަނި މިނިވަން މެމްބަރަކަށް މިހާރު އިންނަވަނީ ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އެވެ.

ނަމަވެސް އެ ތިން ޕާޓީގެ ވާހަތަކުން ސުވާލުތައް ގިނަ އެވެ. އަނެއްކާވެސް ހަމަ އެ ކުޅި އެގޮތަށް ކުޅެނީބާ އެވެ؟ ހަތުރުން މިތުރުންނަށް ވަނީ ބާ އެވެ؟ ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ނުތުން ތިން ވެރިން އަނެއްކާހެން ރައީސް މައުމޫންގެ ކޮއްކޯފުޅު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމާ ދެކޮޅަށް ނުކުންނަނީބާ އެވެ. މިކަމުގެ ސަބަބުން ސަރުކާރަށް ބިރެއް އެބައޮތްބާ އެވެ؟

ސަރުކާރަށް ޕްރެޝަރު ދޭން ނުވަތަ ގައުމު "ކައްކަން" ދެން ކުރެވޭނެ ކަމަކަށްވާނީ 2008 ކުރިން ކުޅުނު ކުޅިވަރު ކުޅުމެވެ. އެއީ ސަރުކާރުން ކޮށްފައި ހުރި ނުކިއްސަރު ކަންކަމުގައި ހިފައި ދެމުމެވެ. ހަމަ އެހެންމެ އެ ވާހަކަތައް ބައިނަލްއަގުވާމީ ފެންވަރެއްގައި ދައްކަން ފަށައި ޕްރެޝަރު ދިނުމެވެ. އެކަން ކުރަން ބަލާއިރު އެއަށްވުރެ އަދުގެ ސަރުކާރު ސްޓޭބަލް ކަމަށް ބެލެވެ އެވެ. ދެން އޮތީ މުޒާހަރާތަކާއި ބޮޑެތި އެއްވުންތަކެވެ. ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން އަދުގެ ސަރުކާރުގެ ގޮނޑިތަކުގައި އިށީންދެ ވަޑައިގެންތިބެ އެއީ ވެސް ކުރެވޭނެ ކަމެއް ނޫނެވެ.