މާލޭ މިސްކިތްތަކުގެ މުދިމުންނާއި އިމާމުންނާއި އިސްލާމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި އެވެ.

އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް މިއަދު ވިދާޅުވީ މިއަދުން ފެށިގެން މާލޭގެ 34 މިސްކިތުގެ އިމާމުންނަކީ އެ މިނިސްޓުރީގެ މުއައްޒިފުން ކަމަށެވެ. އެގޮތަށް ހަމަޖެހިގެން ދިއުމުން މުދިމުންނަށް އިރުޝާދު ދިނުމާއި ތަމްރީންތައް ދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"މިނިސްޓްރީން ބޮޑަށް ބަލަނީ އިސްލާމީ ހުރިހާ ކަމެއް ރާއްޖޭގައި ބަލަހައްޓާ ފަރާތްތައް ގެނައުން، އެގޮތުން އިމާމުންގެ ވެސް ގެނައީ،" އޮފިޝަލް ވިދާޅުވި އެވެ.

ޒަމާންނުންސުރެ މިނިސްޓްރީގެ ދަށުގައި ތިބި އިމާމުން ކައުންސިލްތަކުގެ ބެލުމުގެ ދަށަށް ގެންދިޔައީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުންނެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް މިދިޔަ އަހަރު މަޖިލީހުން ގެނައި އިސްލާހެއްގެ ދަށުން މީހުން ދިރިއުޅޭ ރަށްތަކުގައި ބިނާކޮށްފައިވާ މިސްކިތްތަކާއި ނަމާދުގެތައް ބަލަހައްޓާނީ އިސްލާމިކް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބުނެފައި ވަނީ މިސްކިތްތައް ބަލަހައްޓަން ޖެހޭނީ ކައުންސިލްތަކުން ކަމަށެވެ.

ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން ދީނީ ޝިއާރު ފާޅުކުރުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަކީ މިނިސްޓްރީގެ މަސްއޫލިއްޔަތެއް ކަމަށެވެ. މުދިމުންނާއި އިމާމުންނާއި ހަތީބުން އަދި ދީނީ ޝިއާރު ފާޅުކުރުމުގައި އިސްވެ އުޅެންޖެހޭ މަގާމުތަކުގައި ތިބޭ މީހުން އަޅުކަން ކުރުމުގައި ތަބާވާންޖެހޭނީ "ސުންނަތްޖަމާއަތަށް" ކަމަށް ވެސް ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.