ވިލާ ޓްރެވަލްސް އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ހިއްސާތަކެއް ގަވާއިދާ ހިލާފަށް ގަނެފައިވާ ކަމަށް ބުނެ ދައުވާ ކުރުމަށްޓަކައި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފައިވާ މައްސަލައިގައި ދައުވާކުރުމާ ގުޅޭ ގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާނޭ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އާދަމް އާރިފް މިރޭ 'ސަން'އަށް ވިދާޅުވީ، އެމްޓީޑީސީގެ ހިއްސާތަކެއް ގަވާއިދާ ހިލާފަށް ވިލާ ޓްރެވަލްސްއަށް ގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ސީއެމްޑީއޭ އިން ތަހުގީގު ކުރުމަށްފަހު، އެ އޮފީހަސް ހުށަހަޅާފައިވާތާ "ވަރަށް ގިނަ ދުވަސްތަކެއް ވެއްޖެ" ކަމަށެވެ.

ރާއްޖޭގެ ބައެއް މީޑީއާ ތަކުން ހަބަރު ފަތުރާފައިވާ ގޮތުން، އެމްޓީޑީސީން ޕީޖީ އޮފީހަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ވަރަށް ފަހުން ފޮނުވައިގެން އުޅޭ މައްސަލައެއް ކަމަށް ދޭހަވާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

"މި މައްސަލަ ޕީޖީއަށް ހުށަހަޅާފައިވަނީ، ކުރީން ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމުގައި އަޙްމަދު މުޢިއްޒު ހުންނެވި ދުވަސްވަރު،" އާރިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެމައްސަލަ ދިރާސާ ކުރުމަށްފަހު ޕީޖީ އޮފީހުން ސީއެމްޑީއޭއާ އެކު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.

"މި މައްސަލައިގައި ދައުވާ ކުރުމާ މެދު ވަރަށް އަވަހަށް ގޮތެއް ނިންމާނަން،" އާރިފް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމްގެ މައްޗަށް ދައުވާކުރުމަށް ޕީޖީއަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާ ތަކުގައި ދެކެވޭ ވާހަކަތައް ޕީޖީ އޮފީހުން ދޮގުކުރެ އެވެ.