15 Jan 2015, 23:23
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ގޮވާލެއްވުމާ އެކު ގާނޫނު އަސާސީ ދިފާއުގައި ތެދުވުމަށް އިދިކޮޅު ޕާޓީތައް ބައިޔަތު ހިފުމުން ސަރުކާރު ހިންގާ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އެކަމަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވައިފި އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހި ހިއްކަން ފެށުން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ވެރިކަމުން ވެއްޓުމުން، ވެރިކަމަށް އައުމަށް ބޭން ކުރާ އެއްޗަކީ ގާނޫނު އަސާސީ ކަމަށް ބަޔަކަށް ގަބޫލު ކުރެވިފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއަކީ ތަރިކަ މުދާ ކަމަށް ބަޔަކަށް ހީވެފައިވާ ކަމަށް ވެސް މިނިސްޓަރު އަދީބު ވިދާޅުވި އެވެ.
"ޒުވާނެއްގެ ހައިސިއްޔަތުން މިރޭ ދައްކާ ވާހަކާގައި ދަންނަވާލަން. ކޮންމެ ފަހަރަކު ވެރިކަމުން ވެއްޓި، ވެރިކަމުން އަރަން ބޭނުން ކުރާ އެއްޗަކީ ގާނޫނު އަސާސީ. ބައެއް ބޭފުޅުންނަށް ހީވަނީ ގާނޫނު އަސާސީއަކީ ތަރިކަ މުދާހެން. ހަމަ އެންމެ ވެރިކަމަށް އެރުމާއެކީގައި ގާނޫނު އަސާސީ ވީދާލަށް މަސައްކަތްކޮށް ސިޔާސީ ވެރިން ހައްޔަރުކޮށްކުރި،" ޕީޕީއެމްގެ ފުރަތަމަ ކޮންގްރެސް އިން 361 ވޯޓާ އެކު އެ ޕާޓީގެ ނައިބު ރައީސް ކަމަށް ވަޑައިގެންނެވި އަދީބު މިރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ ދަށުން ވެރިކަން ލިބިވަޑައިގަތުމުން ސިޔާސީ ބޭފުޅުން "ދޫނިދުއަށާއި އާރަށުގައި ބަންދުކޮށް" ފަނޑިޔާރުން "ގިރިފުށީގައި ހައްޔަރުކޮށް" ގާނޫނު އަސާސީ ވީދާލަށް މަސައްކަތް ކުރިތަން ފެނިގެން ގޮސްފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބްދުލްގައްޔޫމް މިރޭ އިފްތިތާހު ކުރެއްވި ހުޅުމާލެ ދެ ވަނަ ފިޔަވަހީގެ ޔޫތު ސިޓީއަކީ އެތައް ބައެއްގެ އުންމީދު ކަމަށާއި އެމަނިކުފާނު ކެތްތެރިކަމާ އެކު ކުރައްވަމުން ގެންދަވާ ކަންތައްތަކަށް ހަޖޫޖައްސަވަމުން ގެންދަވާ ސިޔާސީ ބޭފުޅުންނަކީ އެއްވެސް ކަމެއް ކުރެވޭ ބައެއް ނޫން ކަަމަށް އަދީބު ވިދާޅުވި އެވެ.
ގާނޫނު އަސާސީ ދިފާއުގައި ތެދުވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައިވަނިކޮށް، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ވެސް ވަނީ ނަޝީދުގެ ވާހަކަފުޅަށް ބާރު ލިބޭ ގޮތަށް ވާހަކަފުޅު ދައްކަވާފަ އެވެ. ގާނޫނު އަސާސީގެ ހިމާޔަތުގައި ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވާނެ ކަމަށް އިމްރާން ވިދާޅުވެފައިވަނިކޮށް، ޖުމްހޫރީ ޕާޓީން ވެސް ވަނީ ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ބައިޔަތު ހިފާފަ އެވެ.