މާލެ އަދި ހުޅުމާލޭގައި ހަދާ އިމާރާތްތައް 20 ބުރި އާއި 25 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް މިރޭ ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލެ ސަރަހައްދުގެ ބިމުގެ އަގު ކުރިއަށް އޮތްތަނުގައި އިތުރަށް ބޮޑުވެގެންދާނެ ކަމަށާއި އެގޮތުން މާލެ އާއި ހުޅުމާލޭގައި ވެސް 20 ބުރި އާއި 25 ބުރިއަށް އިމާރާތްކުރުމުގެ ހުއްދަ ދިނުމަށް ނިންމައި އެކަމުގެ އުސޫލު މި މަސް ނިމުމުގެ ކުރިން ސަރުކާރުން އިއުލާނު ކުރައްވާނެ ކަމަށެވެ.

"މާލޭގައި ވެސް ހުޅުމާލޭގައި ވެސް އަޅުގަނޑުމެންގެ ސަރުކާރުން ނިންމައިފިން 20 ބުރިއަށް 25 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަދޭން،" ރައީސް ވިދާޅުވި އެވެ.

މިހާތަނަށް މާލޭގައި އެންމެ އުސްކޮށް އިމާރާތް ކުރުމުގެ ހުއްދަ ދެނީ 15 ބުރިއާ ހަމަ އަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާތަނަށް ހަދާފައި ހުރި ދިރާސާތަކުން މާލެ ސަރަހައްދުގެ ބިންތަކުގައި 20 ނޫނީ 25 ބުރީގެ އިމާރާތްތައް އެޅުމުގެ ހަކަތަ ބިމުގައި އެބަ ހުރި ކަމަށެވެ.

ކުރިއަށް އޮތްތަނުގައި ސަރުކާރާއި ކުންފުނިތަކުގެ ބޭނުމަށް ވެސް ބޮޑެތި ބިންތައް ދޫކުރާނީ އުސްކޮށް އިމާރާތްތައް ކުރުމަށް ކަމަށާއި އަދި ހުޅުމާލެ އިން ދެން ފެނިގެން ދާނީ އުސްކޮށް ހުންނަ އިމާރާތްތަކެއް ހަދާފައި ހުންނަ ރަށެއްގެ ގޮތުގައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ގިނަ މީހުންށާއި ގިނަ އިގްތިސާދީ މަސައްކަތް ކުރެވޭހެން ހުޅުމާލެ ވެސް އެބަޖެހޭ އުސްވާން، ހުޅުމާލެ ވެސް އުސްވެގެން ނޫންނިއްޔާ އަޅުގަނޑުމެން މިދަންނަވާ އާބާދީއަށް ކޭޓާއެއް ނުކުރެވޭނެ،" އާންމުންނަށް ކުރިން ހަތަރު ބުރިއާ ހަމަ އަށް އިމާރާތްތައް ހެދޭ ރަށާ ބެހޭ ގޮތުން ރައީސް ވިދާޅުވި އެވެ.

ރައީސް މިރޭ ވިދާޅުވީ ހުޅުމާލެ އާއި މާލެ އާ ދެމެދުގެ ޓްރާންސްޕޯޓް ނިޒާމުތައް ގާއިމު ކުރައްވަނީ 400،000 ވަރަކަށް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ކަމަށެވެ.

މިރޭ ރަސްމީކޮށް އިފްތިތާހު ކޮށްފައިވާ ހުޅުމާލޭ ބިން ހިއްކުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން ހިއްކުމަށް ނިންމާފައި ވަނީ ފަރުކޮޅުފުއްޓާ ދިމާލުން 240 ހެކްޓަރުގެ ބިމެވެ. އެއީ 100،000 މީހުންގެ އާބާދީ އަކަށް އަމާޒުކޮށްގެން ހިއްކާ ސަރަހައްދެއް ކަމަށް އެޗްޑީސީ އިން ބުނެ އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 188 ހެކްޓަރުގެ ބިމަކީ 60،000 މީހުންގެ ބޯހިޔާ ވަހިކަމަށް އަމާޒުކޮށްގެން 1997 ވަނަ އަހަރު ފެށި މަޝްރޫއު އެކެވެ.