15 Jan 2015, 22:42
ގާނޫނު އަސާސީގެ ދިފާއުގައި ތެދުވެ އެންމެން އެކަތިގަނޑަކަށް ވުމަށް އެމްޑީޕީން ގޮވާލި ގޮވާލުމަށް އިޖާބަދީ ގާނޫނު އަސާސީގެ ދިފާއުގައި ތެދުވަން ނިންމި ޕާޓީތަކަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފި އެވެ.
ސްރީލަންކާގެ އާ ސަރުކާރާ ބައްދަލު ކުރެއްވުމަށް އެގައުމަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ، ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ނިންމި ޕާޓީތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އޭގެތެރެއިން ވެސް ޖުމްހޫރީ ޕާޓީ، އަދާލަތު ޕާޓީ އަދި ޑީއާރުޕީގެ ނަން ނަޝީދު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ވަކިވަކި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ގާނޫނު އަސާސީގެ ދިފާއުގައި ނުކުތުމަށް އެމްޑީޕީން ގޮވާލި ގޮވާލުމަށް އިޖާބަދެއްވައި، އެޕާޓީއާ ބައިވެރިވުމަށް އެދެމުން ދާކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެންޖީއޯތަކުން ވެސް ދަނީ އަޅުގަނޑުމެންނާ ބައިވެރިވަމުން، އަދި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ ވެސް މިދަނީ ވާހަކަ ދައްކަމުން. އަޅުގަނޑު ދެކޭ ގޮތުގައި ޕީޕީއެމް ތެރޭގައި ވެސް އެބަތިއްބެވި، ގާނޫނު އަސާސީ އަށް ހަދަމުންދާ ގޮތާމެދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ބޭފުޅުން،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނު ސާސީ ދިފާއުކުރުމަށް ޖުމްހޫރީ ޕާޓީން ކުރާ މަސައްކަތުގައި އެއްއޮޑިއެއްގައި ދަތުރުކުރަން ރައީސް ނަޝީދު ނިންމެވީތީ ޝުކުރުއަދާކުރައްވާ ކަމަށް ބުނެ ޖުމްހޫރީޕާޓީގެ ނައިބް ރައީސް އަމީން އިބްރާހިމް މިރޭ ވަނީ ވިދާޅުވެފަ އެވެ. އަދި އަދާލު ޕާޓީން ވެސް ބުނެފައި ވަނީ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެޕާޓީން ވެސް ތެދުވާނެ ކަމަށެވެ.
ނަޝީދު މިރޭ ވިދާޅުވީ، ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކުރާ ދަތުރުގައި ކުރިއަށް ދަނީ އެއްވެސް ޕާޓީއެއްގެ ފަހަތުން ނޫންކަމަށާއި ހުރިހާ ޕާޓީއެއް އެއްކޮށް ކަމަށެވެ. ގާނޫނު އަސާސީ ހިމާޔަތްކުރުމަކީ ދިވެހިންގެ ވާޖިބެއްކަމަށާއި އެމަސައްކަތް ކުރިއަށް ގެންދާނެގޮތަކާ މެދު ޕާޓީތަކުގެ މެދުގައި ވަރަށް އަވަހަށް މަޝްވަރާތައް ފެށޭނެ ކަމަށް ނަޝީދު މިރޭ ވިދާޅުވި އެވެ.