ޤާހިރާ : މިސްރުގެ ރައީސް މުޙައްމަދު ޙުސްނީ މުބާރަކްގެ ސަރުކާރާއެކު ވާހަކަދެއްކުމަށް ދެކޮޅުހެދުމަށްފަހު، އޭނާގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކުން އެސަރުކާރާއެކު ވާހަކަ ދައްކަން ފަށައިފިއެވެ.

މުބާރަކްގެ ވެރިކަން ވައްޓާލުމަށް މަސައްކަތްކުރާ ހުރިހާ ފާރާތްތަކެއް ތަމްޘީލްވާގޮތަށް މުބާރަކްގެ ސަރުކާރާއެކު ވާހަކަދައްކަން ނިންމީ ރައްޔިތުންގެ ބޭނުންތައް ސަރުކާރަށް ހާމަކޮށްދިނުމަށް ކަމަށް އިދިކޮޅު އިޚްވާނުލްމުސްލިމީން ޖަމާޢަތުން ބުނެއެވެ. ރައްޔިތުންގެ ބޭނުންތަކަކީ މުބާރަކް ވެރިކަމުން ފާބައިވަޑައިގަތުމާއި މުބާރަކް ވައްޓާލުމަށް މަސައްކަތްކުރި ފަރާތްތަކަށް އަނިޔާދިން މަސްއޫލުވެރިންގެ މައްޗަށް ޝަރީޢަތް ހިންގުމާއި މުބާރަކްގެ ޕާޓީގެ އަޣްލަބިއްޔަތުއޮތް މިސްރުގެ ރައްޔިތުންގެ މަޖިލިސް އުވާލުމެވެ.

މީގެއިތުރުން މިސްރުގައި ޒަމާނުއްސުރެއޮތް ކުއްލިޙާލަތު އުވާލުމާއި ދިމުޤްރާތީ އިސްލާޙްތައް ގެނަސް މިނިވަން އިންތިޚާބެއް ބޭއްވެންދެން ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުމާއި މިނިވަން މީޑިޔާއެއް ޤާއިމްކުރުމާއި ޕާޓީތައް އެކުލަވާލުމުގެ ފުރިހަމަ މިނިވަންކަން ދިނުންވެސް ހިމެނެއެވެ. އަދި މުބާރަކްގެ ވެރިކަމުގައި ޖަލަށްލާފައިވާ ހުރިހާ ސިޔާސީ ކުށްވެރިން މިނިވަންކުރުންވެސް މިބޭނުންތަކުގެ ތެރޭގައި ހިމެނެއެވެ.

މުބާރަކްގެ ސަރުކާރާއެކު ވާހަކަ ނުދެއްކުމަށް މިސްރުގެ ހުރިހާ އިދިކޮޅު ފަރާތްތައް ނިންމާފައިވާ ނިންމުމާ ޚިލާފަށް އެސަރުކާރާއެކު ވާހަކަދައްކަން ނިންމީ އިދިކޮޅުހުރިހާ ފަރާތްތަކުން ހުށަހަޅާ ޝަރުތުތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން އެއްބަސްވުމުން ކަމަށާއި މީގެތެރެއިން ގިނަ ޝަރުތުތައް މިހާރުވެސް ފުރިހަމަ ކޮށްދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އަދި ހުރިހާ އިދިކޮޅު ފަރާތްތަކުން އެދޭ މައިގަނޑު ޝަރުތުކަމަށްވާ ރައީސް މުބާރަކް ވެރިކަމުން ފޭބުމުގެ ޝަރުތު ފުރިހަމަކޮށްނުދޭނަމަ ސަރުކާރާއެކު ދައްކާ ވާހަކަތައް ހުއްޓާލާނެ ކަމަށްވެސް އިޚްވާނުލްމުސްލިމީން ޖަމާއަތާއި އިދިކޮޅު ލީޑަރެއް ކަމަށްވާ މުޙައްމަދުލް ބަރާދްޢީ ވިދާޅުވިއެވެ. މުބާރަކްގެ ސަރުކާރާއެކު ދައްކާ ވާހަކަތައް ދެދުވަހަށްވުރެ ދިގުކުރަން ބޭނުން ނުވާ ކަމަށްވެސް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

ފަހުގެ ޚަބަރުތައް ބުނާގޮތުން މިވާހަކަތަކުގައި ދޫދިނުމަށް ސަރުކާރުން ދެކޮޅުހަދާތީ ވާހަކަތައްވަނީ ހުއްޓާލަންޖެހޭ ހިސާބުގައެވެ. -- އަލްޖަޒީރާ