15 Jan 2015, 22:22
ކުދި އާބާދީތަކުގެ މީހުން ހުޅުމާލެ އަށް ހިޖުރަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް އިލްތިމާސް ކުރައްވައިފި އެވެ.
ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހު ކުރުމަށް ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުދިކުދި ރަށްތަކުގެ ޒުވާނުން ހުޅުމާލެ އަށް ހިޖުރަކޮށްފި ނަމަ "ފަސޭހަ ގޮތްތަކެއް" ހޯއްދަވައި ދެއްވާނެ ކަމަށެވެ. އަދި ހުޅުމާލެ އަކީ ޒުވާނުންގެ "ސަހަރު" ކަމަށް ހައްދަވާނެ ކަމަށެވެ.
"އަޅުގަނޑު އިލްތިމާސް މިކުރަނީ ހުރިހާ ޒުވާނުންނަށް، ހާއްސަކޮށް ކުދިކުދި ރަށްރަށުގައި ތިބި ޒުވާނުންނަށް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދޭނަމޭ، ހުޅުމާލެ އަށް ހިޒުރަ ކުރުމަށް ތައްޔާރުވާށޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. "ހުޅުމާލޭ ދެވަނަ ފިޔަވަހި ވެގެން ދާނީ މާލޭގައި އަދި އަތޮޅު ތެރޭގައި ދިރިއުޅޭ ޒުވާނުންނަށް، ޒުވާނުންނަށް ގެދޮރުގެ ދަތިކަން އޮތީމަޔާ އެކީ ޒުވާނުން ގެދޮރުވެރިކުރުމަށް ތަރައްގީ ކުރާ ޝަހަރެއްގެ ގޮތުގައި،"
ކުދި ރަށްތަކުގައި މުސްތަގުބަލެއް ނެތް ކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ 200 މީހުންނާއި 400 މީހުންގެ އާބާދީގެ ރަށްތަކަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށާއި ހުޅުމާލެއަކީ ވަކި ކުލައެއްގެ ބަޔަކަށް ހަދާ ތަނެއް ނޫން ކަމަށާއި އެއީ ހުރިހާ ދިވެހި ރައްޔިތުން ދިރިއުޅެން ހަދާ ތަނެއް ކަމަށެވެ.
ޒުވާނުންނަކީ ގައުމުގެ ހާލަތު ބަދަލު ކުރާނެ މީހުން ކަމަށާއި ކުދި ރަށްތަކުގެ ޒުވާނުން ހުޅުމާލެ އަށް ހިޖުރަ ކުރުމުގައި އިސްނެގުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހި ނިމިގެންދާ އިރު 220،000 ވަރަކަށް މީހުންގެ އާބާދީއެއް އުޅޭނެ ކަމަށާއި އެ ހުރިހާ ފަރާތްތަކުގެ ދަތުރުފަތުރަށް ހާއްސަ އުސޫލްތަކެއް އެކަށައަޅުއްވާނެ ކަމަށެވެ. އެގޮތުން މި އަހަރުގެ ތެރޭގައި ބުރިޖުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ލަފާކުރަނީ ހުޅުމާލެ އާއި މާލޭގެ އާބާދީ އެއްކޮށްލީމާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާތްގަނޑަކަށް ތިން ލައްކަ އަށް ވުރެ ބޮޑު އާބާދީއެއް، އާދެ ހަތަރު ލައްކައަށް ވުރެ ބޮޑު އާބާދީއެއް މާލެ ހުޅުމާލެ މިސިޓީގައި ދަތުރުކުރާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޒުވާނުންގެ އިތުރުން ދުވަސްވީ މީހުންނަށް ހުޅުމާލޭގައި ހާއްސަ ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށާއި ހާއްސަކޮށް މިސްކިތްތަކާއި ދީނީ ރޫހު އާލާކުރެވޭނެ ގިނަ ކަންކަން ހަމަޖައްސައި ދެއްވާނެ ކަމަށެވެ.