15 Jan 2015, 22:12
ހުޅުމާލެއާއި މާލެއާ ދެމެދު ކުރަންޖެހޭ ދަތުރުތަކާއި ހުޅުމާލޭގެ ދަތުރުފަތުރުގެ ހިދުމަތްތައް ރަނގަޅުކުރުމަށް މިއަހަރު ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.
ހުޅުމާލެ ހިއްކުމުގެ އަމަލީ މަސައްކަތް މިރޭ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިފްތިތާހް ކޮށްދެއްވާފައިވާއިރު އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޝުހެއިލް އަހުމަދު ވިދާޅުވީ، ހުޅުމާލެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމް ކަމަށާއި އެ ކަންކަން ހައްލު ކުރުމަށް ވަކި ކުންފުއްޏެއް އުފެއްދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.
"މި އުފައްދާ ކުންފުނީގެ ސަބަބުން ހުޅުމާލެއާއި މާލެއާއި ދެމެދު ކުރެވޭ ފެރީގެ ދަތުރުތަކާއި އެއްގަމު ދަތުރުތައް މިހާރަށްވުރެ ހަރުދަނާ ކުރެވިގެންދާނެ،" ސުހެއިލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، މިއަަހަރަކީ ހުޅުމާލެ ޓްރާންސްޕޯޓް މާސްޓާ ޕްލޭނެއް އުކުލަވާލައި މާލެއާއި ހުޅުމާލޭގެ ގުޅުމަށް އިސްކަމެއް ދެވިގެންދާނެ އަހަރެއް ކަމަށެވެ.
ހުޅުމާލޭގައި އަލަށް ހިއްކާ 240 ހެކްޓަރުގެ ބިމުގައި ތަރައްގީއަށް އެތައް މަސައްކަތްތަކެއް ކުރެވޭނެ ކަމަށާއި އެގޮތުން ޓޫރިޒަމަށާއި ބޯހިޔާވަހި ކަމަށްވެސް ގިނަ މަޝްރޫތަކެއް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 10 އަހަރު ވެފައިވާއިރު ތަރައްގީ ދަނީ ވަރަށް އެދެވޭގޮތަށް ކުރިއަށް ކަމަށާއި އެގޮތުން މިހާރު އެރަށުގައި 35،000 މީހުން ދިރިއުޅޭ އިރު 2020 ގެ ތަސައްވަރަކީ ފުރަތަމަ ފިޔަވަހީގައި 65،000ގެ އާބާދީއެއް އުޅުން ކަމަށް ޝުހެއިލް ވިދާޅުވި އެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން 100 ރޯހައުސްއާއި 11،000 ގޯތި ދޫކުރެވިފައިވާއިރު އެތަންތަނުގެ 75 ޕަސެންޓް ނިމި ބޭނުންކުރަން ފެށިފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ހިއްކުމުގެ ފުރަތަމަ މަޝްރޫ ކުރިއަށް ގެންގޮސްފައިވަނީ 1997 އިން 2002 އަކަށެވެ.