15 Jan 2015, 21:26
މިމަހުގެ ފަންސަވީހުން ތިރީހަށް ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ބާއްވާ އޭސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިން މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމަށް ޓްރެވަލް ޖާޒީ ހަވާލުކޮށްފި އެވެ.
ގައުމީ ކްރިކެޓް ޓީމަށް ޖާޒީ ހަވާލުކޮށްފައި ވަނީ މިއަދު އެކުވެނި އެއް ނަމްބަރު ކްރިކެޓް ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޓީމުގެ ކުޅުންތެރިންނަށް ޖާޒީ ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހު ޖަމާލް އެވެ.
އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓްރީގެ އޮފިޝަލުންގެ އިތުރުން ކްރިކެޓް އެސޯސިއޭޝަންގެ އިސް ބޭފުޅުންވެސް ބައިވެރި ވެފައި ވެއެވެ. ޓީމަށް ޖާޒީ ހަވާލު ކޮށްދެއްވުމުގެ އިތުރުން، އެ ރަސްމިއްޔާތުގައި ގައުމީ ކްރިކެޓް ޓީމުގެ ފަރާތުން، ޓީމުގެ ޖާޒީއެއް މިނިސްޓަރަށް ވަނީ ހަދިޔާ ކޮށްފައެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވަނީ ގައުމީ ކްރިކެޓް ޓީމަށް މަރުހަބާ ވިދާޅުވެ، މުބާރާތުގައި ޓީމަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ކްރިކެޓަކީ ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ކުޅިވަރެއް ކަމަށާއި، ކްރިކެޓަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ގެންނަން މިނިސްޓްރީން މަސައްކަތްތަކެއް ކުރަމުން ދާ ކަމަށް މިނިސްޓަރު މަލީހު ވިދާޅުވި އެވެ.
"ކްރިކެޓަކީ ރާއްޖެއަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިދާނެ ކުޅިވަރެއް. މި ކުޅިވަރުގައި ރާއްޖެއަށް ގިނަ ކުރިއެރުންތަކެއް ހޯދެނީ ކްރިކެޓް އެސޯސިއޭޝަން ހިންގަން ތިބި ބޭފުޅުންވެސް އެވަރުގެ ކޮމިޓްމަންޓެއް ދޭތީ. ރާއްޖޭގައި ކްރިކެޓަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތި ވެފައި ވާކަން އަޅުގަނޑުމެން ފާހަގަ ކުރަން. އޭގެ ތެރޭގައި ޕްރެކްޓިސް ކުރާނެ ރަނގަޅު ތަނެއްގެ ދަތިކަންވެސް ކްރިކެޓަށް ވަނީ ދިމާވެފައި. އެކަންކަމަށް ހައްލެއް ހޯދަން މިނިސްޓްރީގެ ފަރާތުން މިހާރުވެސް މި ގެންދަނީ މަސައްކަތްތަކެއް ކުރަމުން،" މިނިސްޓަރު މަލީހު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ކުޅިވަރުގެ ރިވެތި އުސޫލުތައް ދެމެހެއްޓުމަށާއި، ރާއްޖޭގެ ދީނާއި ސަގާފަތަށް ހުރުމަތްތެރިކޮށް ހިތުމަށް ގައުމީ ޓީމްގެ ކުޅުންތެރިންނަށް ވަނީ ނަސޭހަތްތެރި ވެފައެވެ.