ކެޕިޓަލް މާލެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި ލަންކާގެ އަޒުލް ކެޕިޓަލް ގުޅިގެން ކުރިއަށް ގެންދިޔަ އިންވެސްޓްމަންޓް އެޑްވައިޒަރުން ތަމްރީނުކުރާ ޕްރޮގްރާމް މިއަދު ނިންމާލައިފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވަނީ އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް ސެޓްފިކެޓް ދީފަ އެވެ. ސެޓްފިކެޓްތަށް ބައްސަވައިދެއްވީ އަޒުލް ކެޕިޓަލްގެ އެމްޑީ އަދި ސީއީއޯ އިޝްރަތު ރައޫފް އެވެ.

އިންވެސްޓްމަންޓް އެޑްވައިޒަރުންނަކީ ކެޕިޓަލް މާކެޓުގައި އިންވެސްޓްކުރާ ފަރާތްތަކުގެ ފައިސާ ސެކިއުރިޓީގައި އިންވެސްޓްކޮށް ޕޯޓްފޯލިއޯގެ ބާވަތްތަކުގެ އިންވެސްޓްމަންޓް ތަކުގައި އެ ފައިސާ އިންވެސްޓްކޮށް، އޭގެ ބަދަލު ހޯދައިދިނުމަށް ޓަކައި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ބައެކެވެ.

އެގޮތުން ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ފަރާތްތަކާއި ބޭރުގައި އިންވެސްޓްކުރަން ބޭނުންވާ ރާއްޖޭގެ ފަރާތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަކީ އިންވެސްޓްމަންޓް އެޑްވައިޒަރުންނެވެ.

ޕްރޮގްރާމާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސީއެމްޑީއޭގެ ޑިރެކްޓަރ ޖެނެރަލް މަހުޒޫމް ސަލީމް ވިދާޅުވީ، މުސްތަގުބަލުގައި ރާއްޖޭގެ އިގްތިޞާދު އިތުރަށް ފުޅާވެގެން ގޮސް އިންވެސްޓްމަންޓްތަކުގައި އިންވެސްޓްކުރަން ބޭނުންވާ ފަރުދުންނާއި ފަންޑުތައް އުފެދޭ އިރުގައި އިންވެސްޓްމަންޓް އެޑްވައިޒަރުންނަކީ ވަރަށް މުހިންމުބައެއް ކަމަށެވެ. އެހެންކަމުން މިއަދު ހިންގާ ޕްރޮގްރާމަކި އެބައި ތަރައްގީކުރުމަށް ހިންގާ ޕްރޮގްރާމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަންގާރަ ދުވަހު ފެށި އެ ޕްރޮގްރާމްގައި ރާއްޖޭގެ ފައިނޭންޝަލް ދާއިރާގައި މަސައްކަތް ކުރައްވާ ޖުމްލަ 30 ބައިވެރިން ހިމެނެ އެވެ.