ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ކަންކަން ހުރީ، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ)ގެ މިންގަނޑު ތަކަށް ފެތޭ މިންވަރަށް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

ރާއްޖޭގެ ބައެއް އެއާލައިންތަކުގެ ސަލާމަތީ ފިޔަވަޅުތައް ދަށްކަމަށް ބުނެ ބޭރުގެ މީޑިއާއަކުން ފަތުރާފައިވާ ހަބަރަކާ ގުޅިގެން ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ވައިގެ ދަތުރުފަތުގެ ކަންކަން ބިނާކުރަނީ އައިކާއޯގެ މިންގަނޑުތަކާ އެއްގޮތަށް ކަމަށާއި އެދަތުރުތަކުގެ ރައްކާތެރިކަންވެސް އޮތީ އެ މިންގަނޑަށް ކަމަށެވެ.

"ސަލާމަތީ ކަންކަން ބެލުމަށް އައިކާއޯގެ ޓީމެއް މިދިޔަ އަހަރުވެސް ރާއްޖެ އައިސް ވަނީ މިއޮތޯރިޓިއާއި ރާއްޖޭގެ އެއާލައިންތަކާއި މަދަނީ ވައިގެދަތުރުފަތުގައި ހަރަކާތްތެރިވާ ފަރާތްތައް އޮޑިޓް ކޮށްފައި. މި އޮޑިޓުން އެނގިފައިވަނީ ރާއްޖޭގެ މަދަނީ ދަތުރުފަތުގެ ސަލާމަތީ ކަންތައްތައް ހުރީ ވަރަށް ރަނގަޅަށް އައިކާއޯގެ މިންގަނޑުތަކަށް ފެތޭ ގޮތަށް،" ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުންޏެވެ.

ރާއްޖޭގައި އުދުހުންތަކުގައި ބޭނުންކުރާ ހުރިހާ އެއާލައިންތަކެއްގެ ސަލާމަތީ ކަންތައްތައް ހުންނަނީ އައިކާއޯގެ މިންގަނޑުތަކަށްތޯ ބަލައި އެ އޮތޯރިޓީން ޔަގީންކުރާކަމަށް ބުންޏެވެ.

ރާއްޖޭގެ ވައިދެ ދަތުރުފަތުރުގެ ކަންކަން ހުރީ އައިކާއޯގެ މިންގަނޑު ތަކާއި އެއްގޮތަކަށް ކަމަށް ވުމުން އަމިއްލަ ވެބްސައިޓެއްގައި އެއާ ހިލާފް ވާހަކަތަކެއް ދައްކާފައިއޮތަސް އެވާހަކަތައް ގަބޫލް ނުކުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން އިލްތިމާސް ކުރެއެވެ.