ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ސަރުކާރު ހިންގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިންވެސް ނުކުންނާނެ ކަމަށް އެޕާޓީން ބުނެފި އެވެ.

'ސަން' އިން ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ އާރިފް ވިދާޅުވީ، ގާނޫނު އަސާސީ ހިމާޔަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ޒިންމާއަކަށްވާ އިރު އެކަމުގެ ދިފާއުގައި ޕީޕީއެމުން ވެސް ނުކުންނާނެ ކަމަށެވެ.

"ޕީޕީއެމް ވެސް ގާސިމް އިބްރާހިމް އެ ވިދާޅުވި ފަދައިން އަދި އަޅުގަނޑުމެން ޕާޓީގައި ހިމެނި ވަޑައިގަންނަވާ ކޮންމެ މެމްބަރަކު ވެސް ގާނޫނު އަސާސީގެ ހިމާޔަތުގައި އަޅުގަނޑުމެން ވެސް މިމަސައްކަތް ކުރަނީ. އަޅުގަނޑުމެން ވެސް ތެދުވަން މިތިބީ އިނގޭތޯ. އަޅުގަނޑުމެން ވެސް އިރާދަކުރެއްވިއްޔާ ގާނޫނު އަސާސީ ހިމާޔަތް ކުރާނަން،" އަލީ އާރިފް ވިދާޅުވި އެވެ.

ޕީޕީއެމުން ގާނޫނު އަސާސީއާ ހިލާފަށް ކަންކަން ކުރާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އަލީ އާރިފް ވިދާޅުވީ، އެޕާޓީން ގާނޫނާ ހިލާފަށް ކަމެއް ކޮށްފައިވާ ނަމަ އެކަމެއް ބުނުން މުހިންމު ކަމަށެވެ. އޭގެ ބަދަލުގައި ކަމެއް ނުބުނެ ބަދުނާމް ކުރަން އުޅެނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މީހެއްގެ މައްޗަށް ތުހުމަތެއް ކުރަންޏާ ބުނަންވާނެ މިވެނިގޮތަކަށް މިވެނި މާއްދާއަކަށޭ ހިލާފުވީ،" އަލީ އާރިފް ވިދާޅުވި އެވެ.

ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރުމަށް ޖުމްހޫރީ ޕާޓީގެ ޕީޖީ ގުރޫޕުން ނިންމާފައިވާ ކަމަށާއި، އެމްޑީޕީން ޖޭޕީއާ އެއް އޮޑިއެއްގައި ދަތުރުކުރަން ނިންމެވީތީ އުފާކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމް މިރޭ ވަނީ ވިދާޅުވެފަ އެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، ގާނޫނު އަސާސީގެ ދިފާއުގައި ތެދުވުމަށް ޖުމްހޫރީ ޕާޓީއާ އެކު މަޝްވަރާކުރަމުން ދާ ކަމަށެވެ. އަދި ގާނޫނު އަސާސީ ދެމެހެއްޓުމަށް ކުރާ މަސައްކަތުގައި ޖުމްހޫރީ ޕާޓީއާއި އެމްޑީޕީގެ ފިކުރު އެއްގޮތް ވާނެ ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި ގާނޫނު އަސާސީ ހިމާޔަތްކުރުމަށް އެ ޕާޓީން ތެދުނުވާންވީ ސަބަބެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.