15 Jan 2015, 19:41
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ސަގާފީ ކުޅިވަރުގެ އެންމެ ބޮޑު ހަރަކާތް އެމްބީސީ "ސަގާފީ އީދު" ފެސްޓިވަލް މިއަދު ފަށައިފި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޓީމުތަކެއް ވާދަކޮށް ބޭއްވި މުބާރާތް ނިންމުމަށް ފަހު އާންމުންނަށް ކުޅިވަރުތަށް ދައްކާލުމަށް ސަލްޓަން ޕާކުގައި ކުރިއަށް ގެންދާ އެ ފެސްޓިވަލް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ، ދިވެހިންގެ ތެރޭގައި ހިޔާލުތަފާތުވުން އުފެދުނު ކަމުގައިވިޔަސް އީދަށް ގޮވާލުމުން ކޮންމެ ކުލަޔަކަށް ނިސްބަތްވާ މީހުންވެސް ނިކުމެ އެއްބައިވަންތަ ކަމާއެކު އީދުގައި ބައިވެރިވާކަމަށެވެ. އުމަރު ވިދާޅުވީ ސަގާފީ ކުޅިވަރު ތަކަކީ ދިވެހިންގެ ގުޅުން ބަދަހިކޮށްދޭ ހަރަކާތްތަކެއް ކަމަށެވެ.
"ދިވެހިންގެ ތެރޭގައި މިއޮއްނަ ސަގާފީ ކުޅިވަރުތަކަކީ، އަޅުގަނޑުމެން އެންމެގެ މެދުގައި އޮއްނަ ގުޅުން ބަދަހިކޮށްދޭ، އަޅުގަނޑުމެން އެއްތެރަހަކުން ތަތްކޮށްދޭ، އަޅުގަނޑުމެން އެއް ވާގަނޑަކުން ބަނދެދޭ ހަރަކާތްތަކެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ، ހުރިހާ ދިވެހިން އެއްބައިވަންތަ ބަޔަކަށް ހެދުމަށް، ސަގާފީ ކުޅިވަރުތަށް ދިރުވައި އާލާކުރުމަކީ، މި ސަރުކާރުން ވަރަށް އިސްކަންދޭ އަދި މީގެ ކުރީގެ ސަރުކާރުތަކުންވެސް ވަރަށް އިސްކަންދީފައި ވާ ކަމެއް ކަމަށެވެ.
އެމްބީސީން ސަގާފީ ކުޅިވަރު ކުރިއަރުވަން ކުރާ މަސައްކަތް ފާހަގަކޮށް އުމަރު ވިދާޅުވީ، "ބޮޑެބެރު ޗެލެންޖު" ގެ ނަމުގައި އެމްބީސީން ކުރިއަށްގެންދިޔަ މުބާރާތަކީ ދިވެހިންގެ ތެރޭގައި ބޮޑުބެރު އާލާވެގެން ދިޔަ ކަމެއް ކަމަށާއި، އޭގެ ފައިދާ މުޅު ދިވެހި ގައުމަށްވެސް ކުރި ކަމަށެވެ.
"ބޮޑުބެރު ވަރަށް ބޮޑަށް ތަރައްގީކޮށް އެމްބީސީން ވަނީ، ބޮޑުބެރަކީ ވިޔަފާރީގެ މޮޑެލްއަކަށް ބަދަލުކުރައްވާފައި، އަތޮޅުތަކުގައި ބޮޑުބެރު ޖައްސަވާ ޓީމުތަކަށް، ރިސޯޓުތަކުންނާއި މާލެއިން ފުރުސަތު ލިބެމުން ދޭ، މީގެ އެންމެ ބޮޑު މޭސްތެރިއަކީ އެމްބީސީ އަދި އެމްބީސީގެ ހީވާގި މަސައްކަތްތެރިން،" އުމަރު ވިދާޅުވި އެވެ.
ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމާއި ދިމާކޮށް މިއަހަރު ސަރުކާރުގެ ފަރާތުން އެމްބީސީއާ ގުޅިގެން ސަގާފީ ބޮޑު އީދެއް ބާއްވާނެ ކަން އުމަރު ވަނީ މިއަދުގެ ހަފްލާގައި އިއުލާނު ކުރައްވާފަ އެވެ. އުމަރު ވިދާޅުވީ އެ އީދު ބާއްވާނީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގެ ރައްޔިތުންނަށް ބައިވެރިވެވޭ ގޮތަށް ކަމަށެވެ.
މިއަދުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެމްބީސީގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު ވިދާޅުވީ، ރާއްޖޭގެ ދީނާއި ތާރީހާއި، އާދަކާދަ ދިރުވުމަށްޓަކައި އެމްބީސީން ވަރަށް ބުރަ މަސައްކަތެއް ކުރާ ކަމަށާއި، މިއަދަކީ މަސައްކަތުގެ ޗޭނަށް ބޮޅެއް އިތުރުވެގެން ދިޔަ ދުވަހެއް ކަމަށެވެ. އަދި ސަގާފީ ކުޅިވަރުގައި ހަރަކާތްތެރިނަށް އާމްދަނީ ލިބޭނެ މަގުފަހިވެގެން ދިއުމަކީ އެމްބީސީގެ އެންމެ ބޮޑު އެއް އުންމީދުކަމަށް މަނިކު ވަނީ ފާހަގަކުރައްވާފައެވެ.
ތާރިހާ ސަގާފަތް ދިރުވުމަށް އެމްބީސީން ކުރަމުންދާ މަސައްކަތުގެ ދަށުން "ބޮޑުތަކުރުފާނު ފިލްމު" ގެ ނަމުގައި ބޮޑުތަކުރުފާނުންގެ ކުޑައިރުގެ ހަޔާތް ދައްކުވައިދޭ ފިލްމެއް އުފެއްދުމުގެ މަސައްކަތް ހޯމް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ދާކަމަށް މަނިކު ވަނީ ވިދާޅުވެފަ އެވެ.
އުވެމުންދާ ސަގާފީ ކުޅިވަރުތަށް ދިރުވާ އާލާ ކުރުމުގެ މަގުސަދުގައި، އެމްބީސީން ފެށި "ސަގާފީ އީދު" މުބާރާތުގައި ހަ އަތޮޅަކުން ނުވަ ޓީމެއް ވަނީ ބައިވެރިވެފައެވެ.
މިއަދުގެ ހަފްލާގައި ވަނީ މުބާރާތުގައި ބައިވެރިވި ޓީމުތަކުން ނެށުތަށް ދައްކާލާފައެވެ. އެއްވަނައަށް ދާ ޓީމަކަށް އެއްލައްކަ ރުފިޔާ، ދެވަނއަށް ދާ ޓީމަކަށް 30 ހާސް ރުފިޔާ އަދި ތިންވައަށް ދާ ޓީމަކަށް 20 ހާސް ރުފިޔާ އިނާމެއްގެ ގޮތުގައި ހުށަހަޅާފައި ވާ އެ މުބާރާތުގެ ނަތީޖާ ފާޅުކުރުން ހޮނިހިރު ދުވަހު އޮއްނާނެކަމަށް އެމްބީސީން މައުލޫމާތުދެ އެވެ. އަދި މިރެއާ މާދަމާވެސް ސަގާފީ އީދު ފެސްޓިވަލްގެ ހަރަކާތްތަށް ކުރިއަށް ދާނެކަމަށް އެމްބީސީން ވަނީ ބުނެފަ އެވެ.