15 Jan 2015, 18:43
ފްރާންސްގެ ނޫސްމަޖައްލާއެއް ކަމަށްވާ "ޝާލީ އެބްދޫ"އިން ކީރިތި ރަސޫލާ (ޞޢވ)އަށް ފުރައްސާރަކޮށް ކާޓޫނު ކުރެހި މައްސަލަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުށްވެރިކުރައްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ހެނދު ނެރުނު ބަޔާނެއްގައި ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އެފަދަ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުގައި ދިރިއުޅެމުން އަންނަ އެތަކެއް މިލިއަން މުސްލިމުންގެ ހިތްތަކުގައި ރުޅިވެރިކަމާއި ނަފުރަތު އުފެދި، އެކަމުގެ ސަބަބުން ހަރުކަށި ވިސްނުމާއި ޓެރަރިމަށް މަގުފަހިގެންދާ ކަމަށެވެ.
"ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ނަފްރަތު އުފެއްދުމަށް ދެވޭ ހުއްދައެއް ނޫން، އަދި އިސްލާދީނާ ދެކޮޅު ފިކުރުތަކާއި ބިރުވެރިކަން އުފެއްދުމެއް ވެސް ނޫން. އިންސާނީ ނަސްލުގެ ތިންބައިކުޅަ އެއްބައި މީހުންގެ އަގީދާއަށް ކުރެވޭ ފުރައްސާރައަކީ އެއްވެސް މުޖްތަމަޢަކުން އަދި ސަރުކާރަކުން ވެސް ބަލައިގަނެގެންވާނެ ކަންތައްތަކެއް ނޫން. އޭގެ ބަދަލުގައި އެފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވަން އެފަދަ ކުށްތައް ކުރާ މީހުންނާ ދޭތެރޭގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ރައީސް ވިދާޅުވެފައި ވެއެވެ.
ހައްދުފަހަނަޅައިދިއުމާއި އިސްލާމްދީނާ މެދު މީސްތަކުންގެ ހިތްތަކުގައި ނަފުރަތާއި ބިރުވެރިކަން އުފެއްދުމަށް ދުޝްމަނުން ކުރާ ކަންތައްތަކަށް ރައްދުދިނުމުގެ ގޮތުން، މުސްލިމުންގެ މެދުގައި ކެތްތެރިކަމާއި އިޙްތިރާމް ކުރުމުގެ ސަގާފަތް އަށަގެންނެވުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސް އަލިއަޅުއްވައިލެއްވި އެވެ.
އެގޮތުން އިސްލާމް ދީން ހިމާޔާތްކުރުމަށްޓަކައި ދުނިޔޭގެ ހުރިހާ މުސްލިމު ލީޑަރުން އެކަތިގަނޑަކަށްވެ، ކެތްތެރިކަމާއި ސުލްހަމަސަލަސްކަމުގެ ހަގީގީ އަގު މީސްތަކުންނަށް އޮޅުފިލުވައިދެއްވުމަށް ވެސް ރައީސް ގޮވައިލެއްވި އެވެ.
ޝާލީ އެބްދޫ ނޫހުން ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫނު ކުރަހާފައި ވަނިކޮށް މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ މަޖައްލާގެ އޮފީހަށް ބަޔަކުދިން ހަމަލާއާއި އޭގެ ފަހުން ޕެރިހުގައި ދިން އެހެން ހަމަލާތަކުގައި ޖުމްލަ 17 މީހުން މަރުވި އެވެ.