15 Jan 2015, 17:09
ބާސެލޯނާގެ ކޯޗް ލުއިސް އެންރީކޭ އަކީ މުއާމަލާތްތައް ވަރަށް މަދު ކޯޗެއް ކަމަށާއި، އޭނާ އިރުޝާދުދޭ ކުޅުންތެރިންނާ، ވާހަކަ ދައްކާނީ ވަރަށް މަދު ފަހަރެއްގައި ކަމަށް ބާސާގެ ކުރީގެ ފޯވާޑް ބޯޔަން ކްރީކް ޕެރޭ ބުނެފި އެވެ.
މިހާރު ސްޓޯކް ސިޓީއަށް ކުޅެމުން އަންނަ ބޯޔަން ބުނީ އެންރީކޭ އޭނާ އިރުޝާދު ދޭ ކުޅުންތެރިންނާ މެދު މުއާމަލާތް މަދުވުމުން އޭނާއަށް ކުޅުންތެރިން ދެނެގަންނަން އުނދަގޫވާ ކަމަށެވެ. އަދި އެންރީކޭ އަކީ ކުރިން ފުޓްބޯޅަ ކުޅުނު ކުޅުންތެރިއަކަށް ވުމާއެކު، އެއީ ކިހާ މުހިންމު ކަމެއްކަން އެނާއަށް އިނގެން ވާނެ ކަމަށްވެސް ބޯޔާން ބުންޏެވެ.
"އެންރީކޭ އަކީ ކުޅުންތެރިންނާ ވަރަށް މުއާމަލާތް މަދު ކޯޗެއް. އަކަމުގެ ސަބަބުން ކުޅުންތެރިން ދެނެގަނެ، ކުޅުންތެރިންނާ އެކު އެއްކޮށް މަސައްކަތް ކުރަން އޭނާއަށް ދަތިވޭ. އޭނާއަކީ ކުރިން ފުޓްބޯޅަ ކުޅުނު މީހެއް. އެހެންކަމުން ކުޅުންތެރިންނާ ރަނގަޅު ގުޅުމެއް ބޭއްވުމަކީ ކިހާ މުހިންމު ކަމެއްކަން އޭނާއަށް އިނގެން ޖެހޭނެ. އެއީ އޭނާ ޓީމް މެނޭޖް ކުރާ ގޮތް. އެ ގޮތް ކާމިޔާބުތޯ އިނގޭނީ މި ސީޒަން ނިމުމުން،" ބޯޔާން ބުންޏެވެ.
މީގެ ކުރިން ބާސާގެ ފޯވާޑް ލައިނުން މެސީ އާއެކު ފެނިގެން ގޮސްފައިވާ ބޯޔާން ބުނީ، އެންރީކޭ ކުޅުންތެރިންނާ އެހާ ވާހަކަ ނުދެއްކިޔަސް އޭނާއަކީ ޓީމް ގެންދާނެ މިސްރާބު ވަރަށް ރަނގަޅަށް ދަންނަ ކޯޗެއް ކަމަށާއި، އޭނާ އާންމު ގޮތެއްގައި މަސައްކަތް ކުރާނީ ކުޅުންތެރިންނާއި ދުރުގައި ކްލަބުގެ ސްޓާފުންނާ އެކު ކަމަށެވެ. އަދި ބޯޔާން އެ ކްލަބުގައި ހޭދަ ކުރި ދުވަސްތަކުގައި ކްލަބަށް އެހާ ބޮޑެތި މައްސަލަތަކެއް ދިމާވެފައި ނުވާކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެން އެ ޓީމަށް ކުޅުނު އިރު މާ ބޮޑެތި މައްސަލަތަކެއް ދިމައެއް ނުވޭ. މިހާރު ޖެހިގެން އުޅޭ މައްސަލަ އެހާ ރަނގަޅަކަށް އަހަންނަކަށް ނޭންގެ. އެންރިކޭ އަކީ އާންމު ގޮތެއްގައި ކުޅުންތެރިންނާ ދުރުގައި ކްލަބުގެ ސްޓާފުންނާއެކު މަސައްކަތް ކުރާ ކޯޗެއް. ކޮންމެ ކޯޗެއްވެސް ކުޅުންތެރިން ޓްރެއިން ކުރުމުގައި ގެންގުޅޭނީ ތަފާތު ގޮތްތަކެއް. އެއީ އެންރީކޭ ގެންގުޅޭ ގޮތް،" އޭނާ ބުންޏެވެ.
ބާސާގެ ތަރި ލިއޮނަލް މެސީ އާއި ކޯޗް އެންރިކޭ އާދެމެދު ބޮޑެތި މައްސަލަތަކެއް ޖެހިފައި ވާކަމަށް ބޭރުގެ ގިނަ މީޑިއާތަކުން މިހާރު ރިޕޯޓު ކުރަމުން ދާއިރު، ބޯޔާން ބުނީ ކޮންމެ ކުޅުންތެރިއަކުވެސް ރަނގަޅު ކުޅުމެއް ދެއްކުމަށް ކްލަބުގެ ފަރާތުން ވަކި ކަންތައްތަކެއް ބޭނުންވާނެ ކަމަށެވެ. އެގޮތުން މެސީވެސް ހިތްހަމަ ޖެހޭ ފަދަ ބަޔަކާ އެކު އުޅެން ބޭނުންވާނެ ކަމަށާއި، މެޗަކަށް ކުޅެން އެރުމާއި ނޭރުން ނިންމަން މެސީއަށް މިހާރު ހައްގު އޮތް ކަމަށްވެސް ބޯޔާން ބުންޏެވެ.