15 Jan 2015, 17:05
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކުންފުނީގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެއިން ފެން ކެނޑުނު މައްސަލައިގައި ރާއްޖެއަށް އެހީތެރިވުމަށް ތައިލެންޑް ސަރުކާރުން ރާއްޖެއަށް 50000 ޑޮލަރު ދީފިއެވެ.
ނެޝަނަލް ނިއުސް ބިއުރޯ އޮފް ތައިލެންޑް އިން ބުނީ ތައިލެންޑްގައި ހުންނަވާ ރާއްޖޭގެ އޮނަރީ ކޮންސަލް ޖެނެރަލް ސަނާން އަންގުބޮލްކުލްއާ ހަވާލުކޮށްދެއްވީ އެގައުމުގެ ފޮރިން މިނިސްޓަރް ޖެނެރަލް ތަނަސަކް ޕަތިމަޕަރަގޯން ކަމަށެވެ. އަދި ބުނީ އެ އެހީއަކީ އަލިފާނުގެ ހާދިސާއާއި ގުޅިގެން ކުރިމަތިވި ދަތިކަމުން އަރައިގަތުމަށް ދިން އެހީއެއް ކަމަށެވެ.
އެމްޑަބްލިއުއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއިން ލިބުނު ގެއްލުމުގެ އަގު 20 މިލިޔަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން އޭރު ބުންޏެވެ.
ޑިސެމްބަރު މަހު އެމްޑަބްލިއެސްސީގައި ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން މުޅި މާލޭން ފެނުގެ ޚިދުމަތް ކެނޑުނެވެ. އެ ހާދިސާއާއި ގުޅިގެން މާލެ އަށް ފެން ފޯރުކޮށްދިނުމަށް ޗައިނާގެ ކަނޑުގެ ސިފައިންގެ މަނަވަރެއް ފޮނުވި އެވެ. އެ މަނަވަރު މާލޭގައި ބަނދަރުކުރި ފުރަތަމަ ދުވަހު އެކަނި ވެސް މާލެއަށް 630 ޓަނުގެ ފެން ފޯރުކޮށްދީފައިވެ އެވެ. އަދި ދުވާލަކު 90 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ހުރި އެ މަނަވަރުން ވަނީ، އޭގެ ފަހުން 60 ޓަނަށް ވުރެ ގިނަ ފެން ކޮންމެ ދުވަހަކު މާލެއަށް ފޯރުކޮށްދީފަ އެވެ. އަދި ފުޅީގައި ބަންދުކޮށްފައިވާ ބޯފެން ވެސް ޗައިނާއިން ފޯރުކޮށްދިނެވެ.