ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައި ދެއްވަމުންދާ ޓީޗަރުންނަށް ވަޒީފާގައި ތިބެގެން މަތީ ތައުލީމު ހާސިލުކުރުމުގެ ފުރުސަތެއް މަންދު ކޮލެޖުން ހުޅުވާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީ އާއި މަންދު ކޮލެޖުން އިސްނަގައިގެން ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައި ދެއްވަމުންދާ ސެޓްފިކެޓް ލެވެލްގެ ޓީޗަރުންނަށް ވަޒީފާގައި ތިބެގެން ޑިޕްލޮމާ ފެންވަރަށް ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން ފެށި ޕްރޮގްރަމެކެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި 12،00 އެއްހާ ޓީޗަރުން ޑިޕްލޮމާ ފެންވަރަށް ތަމްރީނު ކުރަން ޖެހެ އެވެ.

"މުދައްރިސުންގެ ފެންވަރު މަތިކުރުމުގެ އޮނިގަނޑުގެ ދަށުން ސްކޫލްތަކުގައި ކިޔަވައިދެމުންދާ ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރު މަތިކުރައްވާނެ ފުރުސަތުތަކަށް ބޭނުންފުޅުވީ ހިނދު، ވަޒީފާގައި ތިއްބަވައިގެން އެކަން ހާސިލުކުރެވޭނެ ފުރުސަތު ފަހިކޮށްދިނުމަކީ މަންދު ކޮލެޖުގެ ގައުމީ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމެއް،" މަންދު ކޮލެޖުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ޕްރޮގްރާމްގެ ދަށުން ފުރުސަތު ހުޅުވާލާފައި ވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގަބޫލުކުރާ ޑިޕްލޮމާ ލެވެލް ފަހެއްގެ ދެ ކޯހެކެވެ. އެއީ ޑިޕްލޮމާ އިން ޓީޗިން (އަޕްގްރޭޑިންގް) އަދި ޑިޕްލޮމާ އިން ޓީޗިން (އިސްލާމާއި ދިވެހި އަދި ޤުރުއާން) އެވެ.

މަންދު ކޮލެޖުގެ ވާޗުއަލް ކެމްޕަސް މެދުވެރިކޮށް ކިޔަވައިދޭ އެ ކޯސްތަކުގައި ހިމެނެނީ ތިން ސެމިސްޓާ އެވެ. އަދި އެއް އަހަރު ދުވަހުގެ އެ ކޯހަށް މުޅި ޖުމްލަ ދައްކަން ޖެހެނީ 50،000 ރުފިޔާ އެވެ. އެއީ ކޮންމެ ސެމިސްޓާއަކަށް 4167 ރުފިޔާ ކަމަށް އެ ކޮލެޖުން މައުލޫމާތުދެ އެވެ.

އުރީދޫގެ ތުރީޖީ ނެޓްވޯކްގެ ހިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރެގެން ވެސް "މަންދު ކޮލެޖް ވާޗުއަލް ކެމްޕަސް"ގައި ބައިވެރި ވެވޭނެ އެވެ.

މުދައްރިސުންގެ ފެންވަރު މަތިކުރުމަށް މަންދު ކޮލެޖުން ތައާރަފްކުރި އެ ޕްރޮގްރާމުގައި ބައިވެރިވުމަށް އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތަކީ މިމަހުގެ 31 ވަނަ ދުވަހާ ހަމައަށެވެ.