ދެމަފިރިއެއްގެ ދެމެދުގައި ހިނގި ހަމަނުޖެހުމެއްގައި އަނބިމީހާ އަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފިރިއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ލޯކަލް މާރުކޭޓް ސަރަހައްދުގައި މިއަދު ހެނދުނު 11:00 އެހާކަންހާ އިރު ހިނގި އެ ހާދިސާއާ ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗުގައި ފަރުވާދީފައިވާ ކަމަށެވެ.

ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މާރާމާރީ ހިނގާފައި ވަނީ ހަރަދު ދިނުމުގެ މައްސަލައެއްގައި ދެމަފިރިންގެ ދެމެދުގައި ހިނގި ޒުވާބަކާ ގުޅިގެންނެވެ. އަދި ސަން އަށް ލިބިފައިވާ ފޮޓޯ އިން ފެންނަ ގޮތުން އަންހެން މީހާ އޮތީ ކަންނެލި ދޯންޏެއްގެ ތެރެއަށް ވެއްޓިފަ އެވެ. އަދި އޭރު އޭނާގެ އަނގަމަތީގައި ލޭ ހުރި މަންޒަރު ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.