ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް ކަމުން ވަކިކުރި ވާހަކައަކީ ދޮގެއް ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އެލްޖީއޭގެ ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރުމަށް އެލްޖީއޭ ބޯޑުގެ ފަސް މެމްބަރަކު ވޯޓު ދެއްވާފައިވަނިކޮށް، މިނިސްޓަރު ނާޒިމް މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓަކީ އެލްޖީއޭ ބޯޑުގެ ފަސް މެމްބަރަކު އަމިއްލަފުޅަށް ނިންމަވާފައިވާ ނިންމެވުމެއް ކަމަށެވެ. އަދި ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓު އެގޮތަށް ނުނެގޭނެ ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްކުރީ އެލްޖީއޭގެ ބޯޑުގެ މެމްބަރުންނަށް އެނގުމަކާ ނުލައި ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"މިގޮތަށް ޖަލްސާއެއް ބޭއްވޭނެ ކަމަކަށް އެއްވެސް ގަވައިދެއްގައެއް ނުބުނޭ، އެލްޖީއޭގެ ރައީސް އަދި ނައިބް ރައީސް އަދި އެލްޖީއޭގެ އެއްވެސް އިދާރީ މުއައްޒަފަކު ވެސް ނެތި، އަމިއްލަފުޅަށް މެމްބަރުންތަކަކަށް ޖަލްސާއެއް ބާއްވައިގެން ގޮތްތަކެއް ނިންމެވިދާނެ ކަމަކީ އަޅުގަނޑު ގަބޫލް ކުރާގޮތުގައި ވަރަށް ހެއްވާ ކަމެއް،" ނާޒިމް ވިދާޅުވި އެވެ.

މިއަދު ބާއްވަން އުޅުނު އެލްޖީއޭގެ ބައްދަލުވުމަކީ މަހަކު ދެ ބައްދަލުވުން ބާއަވަންޖެހޭތީ ބޭއްވި ބައްދަލުވުމެއް ކަމަށާއި އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މި މަހުގެ ފަހު ކޮޅަށް ކަމަށެވެ. ނަމަވެސް އެލްޖީއޭ ބޯޑުގެ މެމްބަރު ސުޖާއު ހުސެއިންގެ ސުލީކީ މައްސަލަތަކެއް ހުށައެޅިފައިވާތީ ދެން އެ ބޯޑުގެ ޖަލްސާއެއް ބާއްވާނީ އެ މައްސަލައަށް ގޮތެއް ނިންމުމަށްފަހު ކަމަށް ވިދާޅުވި އެވެ. އަދި ހިނގައިގެން އުޅޭ ކަން ކަމަށް ލަފާ ހޯދުމަށް އެޓާނީ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ އެ މެމްބަރުން ދަނީ ސުޖާއުގެ މައްސަލަ ބެލުމަށް ހުރަސް އެޅުމަށް ކަމަށާއި ބަައެއް މެމްބަރުން އޭނާ އާއި އެލްޖީއޭގެ ނައިބް ރައީސް އާއި ދެކޮޅުވެގެން އުޅޭ ސަބަބަކީ ސުޖާއުގެ މައްސަލަ ބަލާތީ ކަމަށް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި ގޮތެއް ނިންމެމުމަށް މަޖިލީހަށް ވެސް ހުށައަޅާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެލްޖީއޭގެ ބޯޑުގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ ހަމަނުޖެހުންތަކެއް އެބަހުރި އެކަން އެގޮތަށް ވަނީ ސަރުކާރާއި ދެކޮޅު ފަރާތްތަކުން އެލްޖީއޭ ބޯޑުގައި ތިބުމާއެކު ސަރުކާރުގެ ކަމަށް އެބޭފުޅުން ދެކޮޅު ހެއްދެވުމުން ކަމަށެވެ.

ނުވަ މެމްބަރުންގެ މައްޗަށް އެކުލެވޭ އެލްޖީއޭ ބޯޑުގެ ހިންގުން، ސުޖާއު ހުސައިންއާ ހަވާލު ކުރުމަށް އެ ބޯޑުގެ ފަސް މެމްބަރަކު ފާސްކޮށްފައިވަނިކޮށް، މިނިސްޓަރު ނާޒިމް ވިދާޅުވީ ސުޖާއުގެ ސުލޫކީ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަދި އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅާފައިވާނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

ސުޖާއުއަކީ މަޖިލީހުން އެލްޖީއޭ ބޯޑަށް އިންތިހާބުވެފައިވާ މެމްބަރެކެވެ. އެލްޖީއޭ ބޯޑުގެ ނައިބު ރައީސްކަން ކުރިން ކުރައްވާފައިވާ ސުޖާއުއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްޑީއޭއަށް ނިސްބަތްވެވަޑައިގަންނަވާ ކައުންސިލަރެކެވެ.

އެލްޖީއޭ ބޯޑުގައި ހިމެނޭ ނުވަ މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ އެ ބޯޑަށް އައްޔަން ކުރައްވާފައިވާ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި މާލޭ ސިޓީ ކައުންސިލުން އެ ބޯޑަށް އައްޔަންކޮށްފައިވާ މެމްބަރު ސަމާއު ޝަރީފާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކޮށްފައިވާ ހަތަރު މެމްބަރުންނާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން މަޖިލީހުން ހޮއްވެވި އާމިރު އަލީ އާއި އާންމުންގެ ތެރެއިން ހޮއްވަވާފައިވާ ބޭފުޅަކާއި ސިޓީ ކައުންސިލްތަކުން އިންތިހާބު ކުރާ މެންބަރެކެވެ.