ސުނާމީ ކާރިސާގައި ގެދޮރު ހަލާކުވެ، މަގުމަތިވި އާއިލާތަކަށް ގއ. އަތޮޅުގައި އިމާރާތް ކުރި ގެތަކުގެ މަސައްކަތް ނިންމައިފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ހައުސިން މިނިސްޓަރު މުއިއްޒު ވިދާޅުވީ "ސުނާމީއާ ގުޅިގެން ގެދޮރު ފޯރުކޮށް ނުދެވޭ އެއްވެސް ދިވެހި ރައްޔިތަކު މިހާރު ނުހުންނާނެ" ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސުނާމީއާ ގުޅިގެން ގެދޮރު އަޅައިދޭން ޖެހޭ ހުރިހާ ފަރާތްތަކަށް ގެދޮރު އަޅައިދީ ނިމިފައިވާ ކަމަށެވެ.

ގއ. ހަތަރު ރަށެއްގައި އިމާރާތް ކުރި 198 ގޭގެ މަސައްކަތް ނިންމާފައި ވަނީ ވިމްލާ ކޮންޓްރަކްޝަނާއި އެމްއާޑީސީ އާއި އެމްޓީސީސީ އާއި ސިފައިންގެ މަސައްކަތުންނެވެ. އެ މަޝްރޫއުގެ ދަށުން ވިލިނގިލީގައި 78 ގެ އިމާރާތްކޮށްފައިވާއިރު، ނިލަންދޫގައި 51 ގެ ވަނީ އިމާރާތްކޮށްފަ އެވެ. އަދި ދާންދޫގައި 88 ގެ އިމާރާތްކޮށްފައިވާއިރު، މާމެންދޫގައި 84 ސުނާމީ ގެ ވަނީ އަލުން ހަދައި އިމާރާތްކޮށްފަ އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޖިހާދު (ކ) އަދު ހައުސިން މިިނިސްޓަރު މުއިއްޒު (ވ): ސަން ފޮޓޯ / ފަޔާޒު މޫސާ

ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެ ގެތަކުގެ ތެރެއިން މާމެންދޫ ގެތަކުގެ މަސައްކަތް ނިންމާފައި ވަނީ ސިފައިންނާއި އަމިއްލަ ފަރުދުންގެ މަސައްކަތުންނެވެ.

މުއިއްޒު ވިދާޅުވީ ގއ. އަތޮޅުގައި އިމާރާތް ކުރި ސުނާމީ ގެތަކުގެ އިތުރުން މަޑިފުށީގައި އިމާރާތް ކުރަން ފެށި 48 ގޭގެ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ. އަދި ދުވާފަރުގައި އިމާރާތް ކުރަން ފެށި 76 ގޭގެ މަސައްކަތް ވެސް ނިންމައި ގެތަކުގެ ވެރިފަރާތަކާ ހަވާލުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ސުނާމީއާ ގުޅިގެން ގެދޮރު ފޯރުކޮށް ނުދެވޭ ވަރަށް ގިނަ އާއިލާތައް ތިބި. ދިހަ އަހަރުވެގެން ދިޔައިރު އެތައް ސަތޭކަ މީހުންނެއް ދިރިއުޅޭނެ ގެތައް ވަނީ ނުނިމި. މި ސަރުކާރުގެ ވަރަށް މުހިއްމު ސިޔާސަތެއްގެ ދަށުން ވަރަށް އިސްކަންދީގެން ގެތައް ނިމުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންދެވިފައި،" މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ކޮންޓްރެކްޓަރުންގެ ތެރެއިން ބައެއް ރަށްރަށުގެ ގެތައް ހެދުމަށް ހަވާލުވެ ހުރި ކޮންޓްރެކްޓަރުންގެ މަސައްކަތްތައް ނުނިމި ލަސްވެގެން ދިއުމުން ސަރުކާރުން "ސީދާ ޕްރޮޖެކްޓުގެ ކަންކަމާއި ހަވާލުވެ ކުރިއަށް ގެންގޮސްފައިވާނެ" ކަމަށެވެ.

"އެގޮތުން ސަރުކާރުން އެ މަސައްކަތް ފެށީ ނޮވެމްބަރު މަހުގެ ތެރޭގައި. ހައުސިން މިނިސްޓްރީއާ ފިނޭންސް މިނިސްޓްރީއާ ގުޅިގެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ފެށިގެން ދިޔަ. ދެން ވަރަށް ހާއްސަކޮށް ފާހަގަކޮށްލަން މި މަސައްކަތުގެ ތެރޭގައި ގއ. މާމެންދޫގައި އިމާރާތް ކުރި ގެތަކުގެ ތެރެއިން ވަރަށް ބޮޑު ބައެއް އެމްއެންޑީއެފް އިން ކޮށްދެއްވިކަން،" މުއިއްޒު ވިދާޅުވި އެވެ.