ފުޓުބޯޅައިން ރިޓަޔާކޮށްފައިވާ ދުނިޔޭގައި އެންމެ ނަން މައްޝޫރުވި އެއް ފުޓްބޯޅަ ތަރި ކަމަށްވާ ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ އަނެއްކާވެސް ފުޓްބޯޅައިގެ ތެރެއަށް އަނބުރާ އަންނަން ވިސްނަމުން ދާކަން ހާމަކޮށްފިއެވެ.

އިއްޔެ އެމެރިކާގެ ފްލޮރިޑާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ ފުޓްބޯޅައިގެ ތެރެއަށް އަނބުރާ އައުން އެއީ އޭނާއަށް އެހާ ފަސޭހާ ކަމެއް ނޫންކަމަށާއި، ނަމަވެސް ފުޓުބޯޅައިގެ ތެރެއަށް އަނބުރާ އައުމަށް ވިސްނަމުން އަންނަ ކަމަށެވެ.

އެމެރިކާގެ ސޮކާ ލީގުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ސްޓްރައިކާސްގެ މައިނޯރިޓީ ވެރިއަކަށް ރޮނާލްޑޯ ވުމަށް އިއްޔެ ބޭއްވި އެ ބައްދަލުވުމުގައި އޭނާ ބުނީ އެ ޓީމް ފައިނަލަށް ގޮސްފިނަމަ އެ ޓީމަށް އޭނާ ކުޅޭ ހިތްވާ ކަމަށެވެ.

"ރިޓަޔާ ކުރުމަށްފަހު އަހަރެން ފުޓްބޯޅަ ކުޅުމާ ދުރަށް ދިޔައީ އަހަންނަށް ލިބިފައި ހުރި އަނިޔާ ތަކުގެ ސަބަބުން. ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމަށް ހުންނަން ޖެހޭނީ ވަރަށް ރަނގަޅު ސިއްހަތެއްގައި. އެކަން ކުރުމަށް އަނެއްކާވެސް އަހަރެން އަމިއްލައަށް ތަމްރީނުވާނަން. އެކަން ވެގެން ދާނީ އަހަންނަށް އިތުރު ވާދަވެރި ކަމަކަށް،" ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ބުނީ ފުޓްބޯޅައަކީ ހަޔާތުގައި އޭނާ އަބަދުވެސް އެންމެ ލޯބިވި ކަންތައް ކަމަށާއި، އެ ޓީމްގެ ކޯޗުގެ ދަށުން އޭނާ ތަމްރީނުވާން ވިސްނާ ކަމަށެވެ. އަދި އެކަން ވެގެން ދާނީ އެ ލީގަށްވެސް އަދި ޓީމަށްވެސް ލިބޭ ވަރަށް ބޮޑު އެހީތެރި ކަމަކަށް ކަމަށާއި، އެ ޓީމްގެ ކޯޗް ބެނުންނަމަ އޭނާ އެ ޓީމަށް ކުޅެދޭނެ ކަމަށް ރޮނާލްޑޯ ބުންޏެވެ.

ބްރެޒިލް ކުޅުނު ވޯލްޑް ކަޕް ތަކުގައި ވިދާލި ރޮނާލްޑޯ ވަނީ އޭނާގެ ގައުމީ ޓީމާއެކު 2002 ވަނަ އަހަރު ޖަރުމަނުގެ މައްޗަށް ކުރި ހޯދި މުބާރާތުގެ ފައިނަލް މެޗުގައި، ބްރެޒިލް ކާމިޔާބު ކުރި ދެ ލަނޑުވެސް އެ ޓީމަށް ކާމިޔާބު ކޮށްދީފައެވެ. އޭގެ އިތުރުން ބާސެލޯނާ އާއި އޭސީ މިލާން އަދި ރެއާލް މެޑްރިޑަށްވެސް ކުޅެދިން ރޮނާލްޑޯ އޭނާގެ ޕްރޮފެޝަނަލް ކެރިއާ ނިންމާލީ 2011 ވަނަ އަހަރު ބްރެޒިލްގެ ކްލަބެއް ކަމަށްވާ ކޮރިންތިއަންސް އިންނެވެ.

ރޮނާލްޑޯ ވަނީ މީގެ ކުރިން ތިން ފަހަރުގެ މަތިން ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އަދި ދެ ފަހަރެއްގެ މަތިން އޭނާ ފީފާގެ ބެލެންޑޯ އެވޯޑު ކާމިޔާބު ކޮށްފައި ވާއިރު، ރޮނާލްޑޯ ވަނީ އޭނާގެ ޕްރޮފެޝަނަލް ކެރިއާގައި ކްލަބްތަކަށާއި ބްރެޒިލްއަށް ކުޅެދިން 441 މެޗުގައި މުޅިއަކު 309 ލަނޑު ކާމިޔާބު ކޮށްފައެވެ.

އެމެރިކާގެ ސޮކާ ލީގަށް ކުޅެން ފެށުމުގެ ވިސްނުން ގެންގުޅޭކަން ރޮނާލްޑޯ ހާމަކޮށްފައި ވާއިރު، އޭނާއާއެކު މީގެ ކުރިން ރެއާލް އަށް ކުޅެދިން ސްޕެއިންގެ ލެޖެންޑް ރާއުލް ގޮންޒާލޭސް ވެސް އަންނަނީ އެ ލީގުގެ ނިއުޔޯކް ކޮސްމޯސްއަށް ކުޅެމުންނެވެ.