ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއާއެކު "ކަނުބަނދެވިގެން" ތިބެވެސް، އަންނަ ރިޔާސީ އިންތިހާބު އެމްޑީޕީން ކާމިޔާބުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީއަށް ރައްޔިތުންގެ ރުހުން ލިބިފައިވާކަން އެ އިންތިހާބުން އެނގިވަޑައިގެންފި ކަމަށެވެ. އަދި އެ ރުހުން ލިބިފައިވާތީ، 2013 ގެ ރިޔާސީ އިންތިހާބު "ކަނުބަދެވިގެން" ތިބެ، ފަސޭހަކަމާއެކު އެމްޑީޕީން ކާމިޔާބު ކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، އެމްޑީޕީއަށް އޮތް ތާއީދު އެ އިންތިހާބުން ސާފުވެގެން ގޮސްފައިވާ ކަމަށް ވިދާޅުވެ، އަންނަ ދައުރުގައި އެމްޑީޕީގެ ޓިކެޓުގައި އެމަނިކުފާނު ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވި އެވެ.

"އެހެންވީމާ އަންނަ ދައުރަށް ކުރިމަތިލިނުލާންވީ ސަބަބެއް ނެތް،" މީޑިއާ އަށް ދައުވަތު ދީފައިނުވާ އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި ރައީސް ނަޝީދު ވިދާޅުވީ، ކޮންމެ ބޭފުޅަކަށް ވެސް ރައީސް ކަން ކުރެއްވޭނީ ގިނަވެގެން ދެ ދައުރަށް ކަން ގާނޫނު އަސާސީގައި ބަޔާންކޮށްފައިވުމަކީ "ނަސީބެއް" ކަމަށެވެ.

ލޯކަލް ކައުންސިލްގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީއާއެކު އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ރައްޔިތުން ރަށްރަށުގައި ބިންވެރި ކުރުމަށްޓަކައި ސަރުކާރުން މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތްތަކެއް ފަށާނެ ކަމަށާއި އެ މަސައްކަތަށް އިދިކޮޅު ފަރާތްތަކުން ހުރަސް ނޭޅުމަށް ރައީސް ނަޝީދު ގޮވައިލެއްވި އެވެ. އަދި އިންތިހާބުގައި ރައްޔިތުން ނިންމި ނިންމުމާ ދެކޮޅަށް އެއްވެސް މީހަކު އަމަލުކޮށްގެން ނުވާނެ ކަމަށާއި އެ ނިންމުމަށް އިހުތިރާމް ކުރުމަށް އެމަނިކުފާނު ގޮވައިލެއްވި އެވެ.

މީގެ އިތުރުން ސިވިލް ސާވިލް ހަމަޔަކަށް އަޅުއްވާނެ ކަމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ )އެމްއެމްއޭ( ވެސް އެ މަގުން ގެންދަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެމްއެމްއޭ ހަމަޔަކަށް އަޅުވަނީ ރައްޔިތުންގެ މާލިއްޔަތު ރަގަނޅު ގޮތުގައި ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ވިދާޅުވި އެވެ.