15 Jan 2015, 15:13
ބަނދަރު މަރާމާތުކުރުމާއި އާ ބަނދަރުތަކެއް ހެދުމުގެ މަޝްރޫއު 44 ރަށެއްގައި މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިންގް މިނިސްޓްރީ އިން ބުނެފި އެވެ.
ހައުސިންގް މިނިސްޓްރީ އިން މި އަހަރު ކުރިއަށްގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސަން ޓީވީގެ 50 މިނިޓް ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ މުއްތަލިބު ވިދާޅުވީ މުޅިން އަލަށް ބަނދަރު ނުހެދި ނަމަވެސް ބަނދަރު މަރާމާތު ކުރުމާއި ބޭރު ތޮށީގެ މަސައްކަތާ އެކު ޖުމްލަ 44 ރަށެއްގެ ބަނދަރުގެ މަޝްރޫއު މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"މި 44 މަޝްރޫއު ތެރޭގައި ހިމެނޭނެ އަލަށް ބަނދަރު ރީޑިވެލޮޕް ކުރާ ރަށްރަށާއި އެއްގަމު ތޮށި ހެދުމާއި ބޭރުތޮށި ހެދުމާއި އެކި ލެވަލްގެ މަޝްރޫއުތައް،" މުއްތަލިބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސައްކަތް އެެވޯޑްކުރެވި، އެހެންނަމަވެސް މަސައްކަތް ނުފެށޭ ހަ ރަށެއް އެބައޮތް ކަމަށާއި 23 ރަށެއްގެ މަސައްކަތް މިހާރު ވެސް ކުރިިއަށްދާ ކަމަށެވެ. މިދިޔަ އަހަރު 12 ރަށެއްގެ ބަނދަރުގެ މަސައްކަތް ނިމުނުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ބަނދަރުގެ މަޝްރޫއުތަކުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުތައް ވެސް ހައުސިންގް މިނިސްޓްރީން ކުރިއަށްގެންދާ ކަމަށް މުއްތަލިބި ވިދާޅުވި އެވެ. އެގޮތުން އެއް ރަށުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށާއި ހަ ރަށެއްގެ މަސައްކަތް މިހާރު ކުންފުނިތަކާ ހަވާލުކުރެވި މި އަހަރު ފެށިގެންދާނެ ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި ގޮޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މުޅިން އަލަށް 14 ރަށެއްގައި މި އަހަރު ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުޅިންބިންހިއްކުމުގެ އިތުރުން، ކައިރީގައި އޮއްނަ ރަށް ރަށް އެއް ރަށް އަނެއްރަށާ ގުޅުވާލުމަށް ހިންގާ މަޝްރޫއުތަކާ އެކު 14 ރަށެއް މިހިމެނެނީ،" މުއްތަލިބު ވިދާޅުވި އެވެ.
ޑެޕިިއުޓީ މިނިސްޓަރު ވިދާޅުވީ ހައުސިންގް މިނިސްޓްރީ އިން މި އަހަރު ހިންގާ މަޝްރޫއުތަކަށް ޖުމްލަ 1.5 ބިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާ ކަމަށެވެ.