15 Jan 2015, 15:08
މއ. އައިޝާ ހުސައިން ވަހީދުގެ މަރު ސާބިތުކުރި ކަމުގެ ރިޕޯޓާއި އޭގެތަރުޖަމާ ތައްޔާރު ކުރެއްވި ޑޮކްޓަރުން ޝަރީއަތަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފިއެވެ.
ޖުވެނައިލް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ، މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހަށް ދިފާއީ ވަކީލުގެ އެދުމުގެމަތިން ދެ ޑޮކްޓަރުން ހާޒިރުކުރިނަމަވެސް މައުލޫމާތު ސާފުކޮށްފައި ވަނީ އެންމެ ޑޮކްޓަރެއްގެ ފަރާތުން ކަމަށެވެ. ދެވަނަ ޑޮކްޓަރުގެ ފަރާތުން މައުލޫމާތު ސާފުކޮށްފައި ނުވަނީ ދިފާއީ ވަކީލާއި ދައުލަތުގެ ވަކީލު އެ ޑޮކްޓަރު ޝަރީއަތަށް ހާޒިރުނުކުރިޔަސް އެންމެ ރަނގަޅުކަމަށް ވިދާޅުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ ޑޮކްޓަރުގެ އިތުރުން ދައުލަތުން ހުށަހަޅާފައިވާ ހެއްކެއްގެ ހެކިބަސް ވެސް މިއަދު ނަގާފައިވާ ކަމަށެވެ.
ދެހާސް ތޭރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ހުސައިން ވަހީދަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަމުގެ ދައުވާ ދައުލަތުން އުފުލާފައި ވަނީ އުމުރުން 16 އަހަރުގެ ދެ ކުދީންގެ މައްޗަށެވެ.
އުމުރުން 16 އަހަރުގެ ދެ ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ކުއްޖާގެ މައްޗަށް އުފުލާފައި ވަނީ ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.
އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖެއްގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ އުފުލާފައި ވަނީ އެ ދެ ކުދިންގެ ތެރެއިން އެއްކުއްޖަކު 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ 10:30 އެހައިކަން ހާއިރު، ހުސައިން ވަހީދު މއ. އައިޝާގޭ، ކައިރީގައި ހުއްޓައި، އިތުރު ބަޔަކާ އެކު އެތަނަށް ގޮސް ތިލައިގައި ހަ އިންޗި ހުންނަވަރުގެ ވަޅިއެއް އޭނާގެ މެޔަށް ހަރާލާފައިވާކަމަށް ތުހުމަތު ކުރެވޭތީ އެވެ.